މުޅި ރާއްޖެއަށް 5 އަހަރުތެރޭ 20،000 ހައުންސިންގ ޔުނިޓް އެޅުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ތެރެއިން, 1500 ގެދޮރު އެޅުމަށް ހަމަޖެހިފައިވަނީ އައްޑޫސިޓީގައި ކަމަށް މިނިސްޓަރ އޮފް ހައުންސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އާމިނަތު އާތިފާ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ބުދަ ދުވަހު އައްޑޫސިޓީއަށް އެކަމަނާ ފައްޓަވާފައިވާ ދަތުރުފުޅުގައި އެ ސިޓީގެ ކައުންސިލާއި އެކު ބޭއްވުނު ބައްދަލުވުމުގައެވެ.
އައްޑޫސިޓީ ކައުންސިލާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވީ މުޅި ރާއްޖެއަށް 5 އަހަރުތެރޭ 20،000 ހައުންސިންގ ޔުނިޓް އެޅުމަކީ ސަރުކާރުގެ ވަޢުދެއް ކަމަށާއި، އެ އެވައުދުގެ ތެރެއިން 5000 ހައުސިންގ ޔުނިޓް ހަތަރު މަސް ދުވަހުގެ ތެރޭގައި އެޅުމަށްޓަކައި ސޮއިކުރަންޖެހޭ ފްރޭމްވޯކް އެގްރިމަންޓުގައި ބުދަ ދުވަހު ސޮއި ކުރެވިފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ގެދޮރުގެ މައްސަލަތައް ހައްލުކުރުމަށް 'ފަހި ދިރިއުޅުން ކޯޕަރޭޝަން' ގެނަމުގައި ގެދޮރުވެރިކަމާ ބެހޭ ކުންފުންޏެއް ސަރުކާރުން އުފައްދަވާފައިވާ ކަމަށެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ ގެދޮރުގެ މައްސަލަތައް މިކުންފުނީގެ ދަށުން ހައްލުކުރެވިގެންދާނެ ކަމަށް އެކަމަނާ ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
މާލެ ތޮއްޖެހުން ހުއްޓުވައި ރީޖަނަލް ޑިވެލޮޕްމަންޓަށް މަސައްކަތްކުރުމަކީ މިސަރުކާރުގެ މެނިފެސްޓޯގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، އަދި އެކަމަށްޓަކައި މިސަރަހައްދަށް 5.3 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ކައުންސިލާއި އެކު ބޭއްވުނު ބައްދަލުވުމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ ހިތަދޫ އަދި ހުޅުދޫގައި މިހާރު ނިމިފައިވާ ހައުސިންގ ޔުނިޓްތަކަށް ބޭނުންވާ ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތްތައް ގުޅުމަށްޓަކައި ފެނަކައާއި ވާހަކަ ދެކެވި މަސައްކަތް ހަވާލު ކުރެވިފައިވާ ކަމަށެވެ. އަދި ދެމަހެއްހާ ދުވަސްތެރޭ އެމަސައްކަތް ނިންމޭނެ ކަމަށް ލަފާ ކުރައްވާ ކަމަށެވެ.
މިނިސްޓަރ ގެ މިދަތުރުފުޅަކީ އައްޑޫސިޓީގެ ހިތަދޫ އަދި ހުޅުދޫގައި ސަރުކާރުން އަޅާފައިވާ ހައުސިންގ ޔުނިޓްތައް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެކަމަނާ އައްޑޫއަށް ވަޑައިގެން އެންމެ ފުރަތަމަ ބައްލަވާލެއްވީ ހުޅުދޫގައި އަޅާފައިވާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ނިމިފައި ހުރި މިންވަރެވެ. މީގެ އިތުރުން މިނިސްޓަރވަނީ ހިތަދޫގައި އަޅާފައިވާ ހައުސިންގ ޔުނިޓްތަކާއި ފޭދޫގެ ރޯހައުސްތަކަށް ވެސް ޒިޔާރަތްކުރައްވާފައެވެ.
މިނިސްޓަރާއި އެކު ބޭއްވުނު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައްޑޫސިޓީ މޭޔާރ އަބްދުﷲ ސޯދިގު ވިދާޅުވީ ބިމުގެ މައްސަލައަކީ އައްޑޫއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. ހާއްސަކޮށް އީސީސީ ސަރަހައްދުން ކުރިން ދޫކޮށްފައިވާ ބިންތައް އަލުން ދިނުމަށް ބަލާއިރު ބައެއް ގޯތިތައް އީސީސީ ހުރި އިމާރާތާއި އިމުގެ ތެރެއަށް ގޮސް މައްސަލަތަކެއް ހުރުމުން ބިންދޫކުރުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. މިމައްސަލަތައް ހައްލުކުރުމަށް މިހާރު ހަދާފައިހުރި ލޭންޑްޔޫޒް ޕްލޭން ރިވިއުކުރުމަށްޓަކައި ވަރަށް އަވަހަށް އިޢުލާން ކުރެއްވޭނެ ކަމަށް މޭޔަރ ވިދާޅުވިއެވެ. އައްޑޫގައި މިވަގުތު ބޭނުންކުރާ ގޯތިތަކާއި ފަޅަށްހުރި ގޯތިތައް ދެނެގަތުމަށް ސާވޭގެ މަސައްކަތްފެށި ކުރިއަށްދާ ކަމަށް މިނިސްޓަރާއި އެކު ބޭއްވުނު ބައްދަލުވުމުގައި މޭޔާރ ވަނީ ވިދާޅުވެފައެވެ.