އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް އަންނަ މަހު ކަށީގެ ޑޮކްޓަރެއް އަންނާނެ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޝާހު ސައީދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި ކަށީގެ ޑޮކްޓަރެއް ނެތި ކަށީގެ މައްސަލަތަކަށް ފަރުވާލިބެމުންނުދާތީވެ، ކަށީގެ ޑޮކްޓަރެއްގެ ފަރުވާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ލިބޭނީ ކޮންއިރަކުތޯ ރާއްޖެ އެމްވީން ސުވާލު ދެންނެވުމުން ޝާހު ވިދާޅުވީ އަންނަ މަހު ކުރީކޮޅު ކަށީގެ ބަލިތަކަށް ފަރުވާދެވޭ ވަރުވޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
ޝާހު ވިދާޅުވީ މިހާރު މަޝްވަރާތައް ކުރަމުން އަންނަނީ މިސްރަށް ނިސްބަތްވެވަޑައިގަންނަވާ ޑޮކްޓަރަކާއި ކަމަށާއި، އޭނާ ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރައްވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ހޮސްޕިޓަލްގައި ޑޮކްޓަރެއް ނެތިގެން ،ކަށީގެ ބަލިތަކައް ފަރުވާ ދިނުމުގައި ދަތިތައް ދިމާވަމުން އަންނާތީވެ، ވަގުތީ ގޮތުން އައިޖީއެމްއެޗް ހޮސްޕިޓަލުން ޑޮކްޓަރެއް ގެންނަން މަސައްކަތް ކުރެއްވި ކަމަށާއި، ނަމަވެސް އެކަން ކާމިޔާބުވާ ގޮތް އަދިވެސް ވެފައިނުވާ ކަމަށެވެ.
މާލެ ފިޔަވައި އެެންމެ އާބާދީ ބޮޑު ސިޓީ ،އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ކަށީގެ ޑޮކްޓަރެއް ނެތްތާ ވަނީ ހަތަރުމަސް ދުވަސް ވެފައެވެ.
ޝާހު ވިދާޅުވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރައްވަމުން އައި ރޭޑިއޮލޮޖިސްޓް އައިޖީއެމްއެޗް ހޮސްޕިޓަލަށް ޓްރާންސްފަރ ކުރުމާއި ގުޅިގެން ހޮސްޕިޓަލްގައި ސްކޭންގެ ހިދުމަތް ވެސް މިހާރު މެދުކެނޑިފައިވާ ކަމަށެވެ. އަންނަ މަހު ފެށޭތާ، ރޭޑިއޮލޮޖިސްޓެއް ގެނެވޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އާ ސަރުކާރާއި އެކުވެސް އައްޑޫސިޓީގެ ސިއްހީ ނިޒާމަށް އެދެވޭ ބޮޑު އެއްވެސް ބަދަލެއް ނައިސް، ސިއްހީ ނިޒާމް އެއްދުވަހުން އަނެއް ދުވަހަށް ދޯދިޔާ ވަމުން އަންނަ ކަމަށް ބުނެ، އެ ސިޓީގެ ގިނަ ރައްޔިތުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އައްޑޫސިޓީ ލިންކް ރޯޑަކީ ނިސްބަތުން ގިނަ ނުރައްކާތެރި އެކްސިޑެންޓް ހިގަމުން އަންނަ މަގަކަށްވާއިރު، ރަނގަޅު ކަށީގެ ޑިޕާރޓްމަންޓެއްގެ ހިދްމަތާއި، އަވަސް ފަރުވާގެ ފެންވަރު ރަނގަޅު ނިޒާމެއް އޮންނަންޖެހޭ ކަމަށް ސިޓީގެ ރައްޔިތުން އަންނަނީ ބުނަމުންނެވެ. އައްޑޫސިޓީ ހޮސްޕިޓަލްގައި އަދިވެސް ކަށީގެ އޮޕަރޭޝަންގެ ޚިދްމަތެއް ނުލިބެއެވެ.
އައްޑޫސިޓީގެ އާބާދީއަކީ 33501 އެވެ. މިއީ މި ދިޔަ އަހަރު ޖުލައިމަހުގެ 23 ވަނަ ދުވަހާއި ހަމައަށް އަޕްޑޭޓް ކުރެވިފައިވާ އެ ސިޓީ އާބާދީއެވެ.