ސިންގަޕޫރުގައި ގައިދީން އިސްލާހު ކުރުމަށް ކުރިޔަށް ގެންދާ ''ޕްރިޒަން ރިހެބިލިޓޭޝަން ޕްރޮގްރާމާ'' ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމްއާ ހިއްސާކޮށްފިއެވެ.
އެ ޕްރޮގްރާމާއި ބެހޭ މައުލޫމާތު ނައިބް ރައީސްއާ ހިއްސާ ކޮށްފައި ވަނީ، ސިންގަޕޫރުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯ އަދި އެޤައުމުގެ ޕްރިޒަން ސަރވިސްގެ އިސް ބޭފުޅުންނާއި އެކު ބުރާސްފަތި ދުވަހު ސިންގަޕޫރުގައި ބޭއްވި ބައްދަލުވުމެއްގައެވެ.
އެ ޕްރޮގްރާމްގައި އެންމެ އިސްކަމެއް ދެނީ ގައިދީން މިނިވަންވުމަށްފަހު އެމީހުން މުޖުތަމަޢުގެ ތެރެއަށް ނުކުންނައިރު އެމީހުންނަކީ ޒިންމާދާރު ބަޔަކަށްވެ، ވަޒީފާ ލިބުމަށް މަގުފަހިވެ، އާމްދަނީ ލިބޭނެ ފަދަ ހުނަރުތަކެއް ދަސްކޮށްދިނުމަށްކަން ސިންގަޕޫރުގެ އޮފިޝަލުން ވަނީ ފާހަގަކޮށްފައެވެ.
މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި އެތެރެކުރުމާ ދެކޮޅަށް ކުރެވޭނެ މަސައްކަތްތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ނައިބް ރައީސް ސިންގަޕޫރަށް ކުރައްވާމުންދާ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ސިންގަޕޫރުގެ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށްވެސް ޒިޔާރާތް ކުރައްވާފައެވެ.
ފާއިތުވި އަހަރުތަކުގައި، ޒުވާނުންގެ މެދުގައި މަސްތުވާތަކެތި ބޭނުން ކުރުން ރާއްޖޭގައި ވެސް ވަނީ ބޮޑުވަމުންދާ މައްސަލައަކަށްވެފައެވެ. އަދި މިކަމުގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި އެހެނިހެން އިޖުތިމާޢީ މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ.
މި މައްސަލަ ހައްލުކުރުމުގެގޮތުން ސަރުކާރުން ގެންދަނީ ކަމާގުޅުންހުރި ގާނޫނުތައް ތަންފީޒުކުރުން ހަރުދަނާކޮށް ސިންގަޕޫރު ފަދަ ބޭރު ގައުމުތަކުގެ މާހިރުންގެ ލަފަޔާއެކީ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ރާއްޖޭގައި ހިންގަމުންނެވެ.