Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2017 | ހޮނިހިރު 18:46
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް
މުހައްމަދު ޝަރުހާން
ލިޔުންތަކަށް ބަދަލު ގެނައުން
ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ
ހެކި ނުލިބޭ ކަމަށް ލިޔެކިޔުންތައް ބަދަލުކުރި
މައްސަލަ އަނބުރާ ފުލުހުންގެ އިދާރާ އަށް ފޮނުވާލި
ވަކީލާ މެދު ފިޔަވަޅެއް ނާޅާ

ވައްކަމުގެ މައްސަލައަކުން ފިރިމީހާ ސަލާމަތް ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުތަކެއް ގެނައި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

 

ރާއްޖެއެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕީޖީ އޮފީހުގެ ވަކީލުގެ ފިރިމީހާގެ މައްޗަށް ވައްކަމުގެ ދައުވާކޮށް ޝަރީއަތް ހިންގަމުން ދަނިކޮށް ވަކީލު ވަނީ މައްސަލައިގެ ލިޔެކިޔުންތަކަށް ބަދަލުތަކެއް ގެނެސް ފިރިމީހާ ސަލާމަތް ކޮށްފަ އެވެ.


ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ފަރާތުން ބުނި ގޮތުގައި، އެ މައްސަލައިގައި ކޯޓަށް ވަޑައިގެންނެވި ވަކީލު ލިޔުއްވި ކޯޓް ޕްރޮސީޑިންތަކަށް ބަދަލު ގެނެސްފައިވަނީ ފިރިމީހާއާ ދެކޮޅަށް ހެކި ބަސް ނުލިބޭ ކަމަށް ބުނެ އެވެ. އަދި އެ މައްސަލަ ސާބިތުކުރެވޭ ވަރަށް ހެކި ބަސް ނުލިބޭ ކަމަށް ބުނެ މައްސަލަ ވަނީ އަނބުރާ ގެންގޮސްފަ އެވެ.

 

ކޯޓް ޕްރޮސީޑިންއަކީ އެ ދުވަހެއްގެ ޝަރީއަތެއްގައި ކަންތައްތައް ހިނގާ ގޮތް ޔައުމިއްޔާއެއް ސިފައިގައި ލިޔެފައި އޮންނަ ލިޔުމެކެވެ. ކަންތައްތައް ހިނގައިދިޔަ ގޮތް އޮޅުވާލުމަށް އެ ލިޔުން ބަދަލުކުރުމަކީ މަނާ ކަމެކެވެ. 

 

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި މުހުތާޒް މުހުސިން ހުންނަވަނިކޮށް މި އަމަލު ހިންގާފައިވާއިރު، މިކަން ފަޅައިއެރީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި އައިޝަތު ބިޝާމް ހުންނަވަނިކޮށް މިދިޔަ އަހަރު އެވެ.

 

މައްސަލަ ފެންމަތިވީ، އެ ވަކީލުގެ ފިރިމީހާގެ އެހެން މައްސަލައެއް މިދިޔަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމާއި ގުޅިގެން، އޭނާގެ މައްސަލަތަކުގެ ރެކޯޑް ބެލުމުންނެވެ. 

 

މި މައްސަލަ ފެންމަތިވުމާއެކު، ޕީޖީ އޮފީހުގެ ޚާއްސަ ކޮމެޓީއަކުން މައްސަލަ ބަލާފައި ވެއެވެ. ނަމަވެސް އެ ވަކީލާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

 

ފިރިމީހާ ސަލާމަތްކުރުމަށް ލިޔެކިޔުންތަކަށް ބަދަލުތައް ގެނައި ވަކީލު މިހާރު ވެސް މަސައްކަތް ކުރައްވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގަ އެވެ. އެގޮތުން ބައެއް ސިޔާސީ ފަރާތްތަކުގެ މައްޗަށް ކުރި ދައުވާތަކުގައި އެ ވަކީލު ވަނީ ކޯޓަށް ވަޑައިގެން ވަކާލާތު ވެސް ކުރައްވާފަ އެވެ.

 

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ މިފަދަ ކަމެއް ހިނގިކަން ދޮގުކޮށްފަ އެވެ. އެ އޮފީހުން ބުނީ އެފަދަ މައްސަލައެއް ފެންމަތިވެފައި ނުވާ ކަމަށާއި އަދި ބަލާފައި ވެސް ނުވާނެ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް