ހުރަވީ ބިލްޑިންގައި ހުރި ސަރުކާރުގެ އޮފީސްތައް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.
ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ސައުދުﷲ ގާސިމް ވިދާޅުވީ، ހުރަވީ ބިލްޑިންގގައި ހުރި އޮފީސްތައް ބަދަލު ކުރާނެ ޖާގަ ހޯދުމުގެ މަސައްކަތް ކުރާ ކަމަށެވެ. ޖާގަ ލިބޭ އިރަށް އޮފީސްތައް ބަދަލުކޮށް ބިލްޑިންގ ތަޅާލަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރާނެ ވަކި މުއްދަތެއް ވިދާޅެއް ނުވެ އެވެ.
''މިހާރު ޖާގައިގެ ދަތިކަން ތަންކޮޅެއް ބޮޑަށް އުޅޭތީ މިހާރު ބަލަމުން މިދަނީ އޮފީސްތައް މޫވްކުރާނެ ތަނެއް ހޯދުމުގެ މަސައްކަތް،'' އޭނާ ވިދާޅުވިއެވެ.
ހުރަވީ ބިލްޑިންގއަކީ ބަޔަކު މަސައްކަތް ކުރަން ތިބޭ ވަރަށް ވުރެ ހާލަތު ދެރަ އިމާރާތެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާވެސް ވަނީ ވިދާޅުވެފައެވެ.
ތިރީހަށް ވުރެ ގިނަ އަހަރު ވެފައިވާ ހުރަވީ ބިލްޑިން ބާވެ ހަލާކު ވެފައިވާތީ އެތަން ތަޅާލަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ނިންމިއެވެ. އެހެން ނަމަވެސް އޮފިސްތައް ބަދަލުކުރާނެ ޖާގަ ނެތުމުން ހުރަވީ ބިލްޑިންގ ހުސްނުކުރެވުނެވެ.