ލަންކާގައި ބޮމުގެ ހަމަލާގެ މޭސްތިރިއާ ޒަހްރާން ހާޝިމް ރާއްޖެ އަށް އައިސްފައި ނުވާކަމަށް މޯލްޑިވިސް އިމިގްރޭޝަން އިން ބުނެފިއެވެ.
ބުދަ ދުވަހު އިމިގްރޭޝަނުން ކުރި ޓްވީޓެއްގައި ބުނީ، އިމިގްރޭޝަންގެ ރިޕޯޓްތަކުން ދައްކާ ގޮތުން ވޭތުވެދިޔަ ފަސް އަހަރު ނުވަތަ އޭގެ ކުރިންވެސް ޒަހްރާން ރާއްޖެ އައިސްފައިވާ ނުވާ ކަމަށެވެ.
Maldives Immigration can confirm that, based on our records, the Sri Lankan national known as Moulvi Zahran Hashim, involved in the Easter Sunday terrorist attack in Sri Lanka has not traveled to Maldives in the past five years or even beyond that. 1/4
— Maldives Immigration (@ImmigrationMV) April 24, 2019
ޒަހްރާން ރާއްޖެ އައިސްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފަތުރާފައިވާތީ، އެކަމަށް އިޝާރާތްކޮށް އިމިގްރޭޝަނުން ބުނެފައި ވަނީ އާއްމުންނަށް އޮޅުން އަރާ ގޮތަށް ހަބަރު ނުފެތުރުމަށާއި، އެއްވެސް މައުލޫމާތެއް ކަށަވަރުކޮށްފައި ނޫނީ ނުފެތުރުމަށެވެ.
ލަންކާ އަށް ދިން ހަމަލާއާ ގުޅިގެން ރާއްޖެއަށް ނުރައްކާވެދާނެ ކަމަށް ބަލައި، ރާއްޖޭގެ އިތުރުން ބޭރުގެ ސެކިއުރިޓީ އެޖެންސީ ތަކާއިއެކު މެދު ނުކެޑި މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަން އިން ބުންޏެވެ.
ޖާނު ގޮއްވާލައިގެން ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ނުވަ މީހުންގެ ތެރޭގައި ޒަހްރާންވެސް ހިމެނެއެވެ.
ނެޝަނަލް ތައުހީދު ޖަމާއަތުގެ ލީޑަރު (އެންޓީޖޭ) ޒަހްރާން ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތުގެ ލީޑަރު އަބޫބަކުރު އަލް ބަޣްދާދީ އަށް ބައިއަތު ހިފާ ވީޑިއޯ އަންގާރަ ދުވަހު އެ ޖަމާއަތުން ވަނީ އާއްމުކޮށްފައެވެ.
ލަންކާގެ ފައްޅިތަކާއި، ހޮޓާތަކަށް ދިން ހަމަލާ ގުޅިގެން މިހާތަނަށް 50 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ލަންކާގެ ފުލުހުން ވަނީ ބުނެފައެވެ. އެ ހަމަލާގައި 359 މީހަކު މަރުވެ 500 މީހަކު ވަނީ ޒަހަމްވެފައެވެ.