ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ހާއްސަ ޖަލްސާ ބުދަ ދުވަހުގެރޭ ބާއްވައިފިއެވެ.
ކަޅުތުއްކަލާކޮށީގައި ބޭއްވި މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް ވިދާޅުވީ ސިފައިންގެ އަގުވަޒަން ކުރެވިގެންދާއިރު އެ ސިފައިން އަވަދިނެތި މަސައްކަތް ކުރަމުންދިޔައީ އެއްވެސް ހާލެއްގައި ހެޔޮ ނަމެއް ލިބޭނެކަމުގެ އުންމީދުގައި ނޫން ކަމަށެވެ.
"ސިފައިންގެ އެކި އެކި ޔުނިޓްތަކުގައި މަސައްކަތްކުރަމުންދާ ކުދިންގެ އަގު މިރޭ ވަޒަން ކުރެވިގެންދާއިރު އެ ކުދިން މަސައްކަތް ކުރަމުންދިޔައީ އެއްވެސް ގޮތަކަށް ހެޔޮ ބަހެއް ލިބިދާނެ ކަމަށް ނުވަތަ އިނާމެއް ލިބިދާނެކަމަށެއް ނޫން. މިކަހަލަ ޤައުމީ މަސައްކަތްކުރާ މުއައްސަސާއެއްގެ އަގުވަޒަން ކުރެވިގެންދިޔުމަކީ ހަމަގައިމުވެސް އެ ބަޔަކަށް މަސައްކަތުގައި ދެމި ހުރުމަށާއި ނޫނީ އެކަން އިތުރަށް ތަރައްޤީ ކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑަށް ހިތްވަރެއް" ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް ވިދާޅުވިއެވެ.
ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅަށްފަހު، ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވަނީ "އަސްކަރީ ތާރީޚް" ފޮތުގެ ތިންވަނަ އަދަދު ނެރެދެއްވާފައެވެ. އަދި، ސިފައިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ޢާންމު ފަރާތްތަކަށް ދެވޭ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ފިލާ އެކަމަނާ ވަނީ އެފަރާތްތަކާ ހަވާލުކޮށްދެއްވާފައެވެ.
ހިންގުމުގެ ދާއިރާއިން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފު ކުރައްވަވާފައިވާ މަސައްކަތްޕުޅު ފާހަގަކޮށް، އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ފިލާ މި ރަސްމިއްޔާތުގައި ވަނީ ހަވާލުކޮށްދެއްވާފައެވެ. މި ފިލާ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފްއާ ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.
އޭގެ އިތުރުން، ސިފައިން ޤައުމީ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި، ސިފައިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ޢާންމު ފަރާތްތަކަށް ދެވޭ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ލިޔުމާއި ސިފައިންގެއަށް އެންމެ ފުރަތަމަ ރެކުރޫޓް ކުރެވުނު ކަނބަލުންގެ ތެރެއިން މިހާރު ވެސް ޚިދުމަތުގައި ތިއްބެވި ދެ ކަނބަލުންނަށް ޚިދުމަތުގެ ޚާއްޞަ ލިޔުން ހަވާލުކޮށްދެއްވީ ވެސް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.
މި ޖަލްސާގައި، ސިވިލް ސްޓާފުންނަށް ދެވޭ އަގުވަޒަން ކުރުމުގެ ލިޔުން ހަވާލުކޮށްދެއްވީ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދެވެ. އެއަށްފަހު އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ސިފައިންގެ ތެރެއިން އިންޑިވިޖުއަލް މެރިޓޯރިއަސް އެވޯޑް ލިބިލައްވާ ފަރާތްތަކަށް ކޮމަންޑޭޝަން ލެޓަރ ވަނީ ހަވާލުކޮށްދެއްވާފައެވެ. މި ފަރާތްތަކަށް ލިޔުން ހަވާލުކޮށްދެއްވާފައިވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުރަޙީމް ޢަބްދުއްލަޠީފާއި، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރެވެ.
މި ޖަލްސާގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ ޢަދަދެއްގެ ސިފައިންނާއި ސިފައިންގެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ޢާންމު ފަރާތްތައް ވަނީ ބައިވެރިވެފައެވެ. އަދި ޖަލްސާ ނިންމާލާފައިވަނީ ޚާއްޞަ ދުޢާއަކަށް ފަހު ސިފައިންގެ ލަވައިންނެވެ.