ޗިކުންގުންޔާ ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ޗިކުންގުންޔާ ޖެހިގެން މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ތ، ގއ، އަދި މާލެއިން ކަމަށާއި، މިއަހަރުގެ މިހާތަނަށް 790 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ޖަނަވަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށް، ޗިކުންގުންޔާ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު ވަނީ އިތުރުވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
ޗިކުންގުންޔާގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެފަހުން ރާއްޖޭގައި ޗިކުންގުންޔާ އައުޓްބްރޭކް އައިސް ވަނީ 2006 ވަނަ އަހަރެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ އޭޕްރީލްމަހު 23ގެ ނިޔަލަށް ޑެންގީ ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އއ. އާއި ލ. އަތޮޅުން އަދި މާލެ ސަރަހައްދުން ކަމަށެވެ.
މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 1700 ކޭސް ވަނީ ރިޕޯޓުކޮށްފައިވާ ކަމަށެވެ . އަދ ވޭތުވެދިޔަ ތިން އަހަރުގެ މިދުވަސްވަރާ އަޅާބަލާއިރު މިއަހަރުގެ މިދުވަސްވަރު ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރަމުންދާ އަދަދު އަދިވެސް ގިނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މޫސުން ގޯވުމާއި ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ޗިކުންގުންޔާ އަދި ޑެންގީ ހުންޖެހޭ މިންވަރު އިތުރުވެދާނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މަދިރިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، މިކަމަކަށް ޚާއްސަ ސަމާލުކަމެއްދިނުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.