ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ މާލީ ބަޔާން ކަނޑައެޅިފައިވާ މުއްދަތަށް ނާޅާއިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ ކަމަށް އިލެކްޝަންސް ކަމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީގެ ތަރުޖަމާން އަދި މެމްބަރު އަހުމަދު އަކްރަމް ރާއްޖެއެމްވީއަށް ވިދާޅުވީ މިހާތަނަށް މާލީ ބަޔާން ހުށައަޅާފައި ވަނީ އެންމެ 22 ކެންޑިޑޭޓުން ކަމަށެވެ.
މިދިޔަ މަޖިލިސް އިންތިޚާބުގައި 286 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ. އިންތިޚާބާ ބެހޭ ގާނޫނު ބުނާ ގޮތުން އިންތިޚާބާ ގުޅޭ މާލީ ކަންކަމާ ބެހޭ ގޮތުން ކޮށްފައިވާ މަޢުލޫމާތާ ތަކެތި ހިމެނޭ ގޮތުގެ މަތިން ރިޕޯޓެއް ތައްޔާރު ކޮށް އިންތިޚާބު ބާއްވާ ތާރީޚުން ފެށިގެން 21 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކަމިޝަނަށް ހުށައަޅަން ޖެހެއެވެ. އެ ރިޕޯޓުގައި އިންތިޚާބާ ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލާއި އިންތިޚާބުގައި ކެންޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި ކޮށްފައިވާ ޚަރަދުތައް ވަކިން އެނގޭގޮތަށް ހުށައަޅަން ޖެހެއެވެ. އަދި އިންތިޚާބަށް ޚަރަދު ކުރުމަށްޓަކައި ފައިސާ ހޯދި ގޮތުގެ ތަފްސީލާއި އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާ އާއި ތަކެތި ދިން ފަރާތްތަކާއި އެފަރާތްތަކުން ދިން މިންވަރުގެ ތަފްޞީލު ހިމަނަން ވާނެ ކަމަށެވެ. މީގެ އިތުރުން ކެންޑިޑޭޓުން ހުށައަޅާފައިވާ އިންތިޚާބުގެ ބޭންކް އެކައުންޓުން ކޮށްފައިވާ ހުރިހާ މުއާމަލާތްތައް އަންގައިދޭ ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓް އެ ރިޕޯޓުގައި ހިމަނަން ޖެހެއެވެ.
އިންތިޚާބު ފެށުމުގެ ކުރިން އީސީއަށް މާލީ ބަޔާން ހުށައެޅި ހަމައެކަނި ޕާޓީއަކީ އެމްޑީޕީންނެވެ. އެޕާޓީގެ 85 ކެންޑިޑޭޓުން ވަނީ މާލީ ބަޔާން ހުށައަޅާފައެވެ. އިންތިޚާބު ފެށުމުގެ ކުރިން ހުރިހާ ކެންޑިޑޭޓުންނެއް މާލީ ބަޔާން ހުށައަޅާފައެއް ނުވެއެވެ.
އަކްރަމް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވާދަ ކުރެއްވި ފަރާތްތަކުގެ މާލީ ބަޔާން ހުށައެޅުމުގެ ސުންގަޑިޔަކީ އަންނަ ހޮނިހިރު ދުވަހުގެ ރޭ މެންދަމު 12:00 ކަމަށެވެ.
އިންތިޚާބާއި ބެހޭ ގާނޫނު ބުނާ ގޮތުން އެ ގާނޫނުގައި ވަކި ގޮތަކަށް ކުރުމަށް ކަނޑައެޅިފައިވާ ކަމެއް އެނޫން ގޮތަކަށް ކޮށްފިމީހަކު ނުވަތަ ކުރަން އުޅެފި މީހަކު ކުށްވެއްރި ވެއްޖެނަމަ އެމީހެއްގެ އަދަބަކީ 6 މަސްދުވަހާއި 2 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 6،000ރ. އާއި 24،000 އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.