ޖަޕާނުގެ ކަނޑުގެ ސިފައިންގެ އަސްކަރީ މަނަވަރު 'ޖޭއެސް ސަމިދާރޭ'، ދެދުވަހުގެ ދަތުރެއްގައި ދިވެހިރާއްޖެއަށް އައިސްފިއެވެ.
މި މަނަވަރު ރާއްޖެއަށް އައިސްފައިވަނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އަދި ބޯޓު ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުއެވެ.
'ޖޭއެސް ސަމިދާރޭ' އަކީ 2000 ވަނަ އަހަރު ބަނދެ، 2003 ވަނަ އަހަރު ކޮމިޝަން ކޮށްފައިވާ އުޅަނދެކެވެ. ވަޔާއި ހަމަ ބިމާއި ކަނޑު އަޑީގެ ހަމަލާތަކަށް ރައްދުދިނުމުގެ ބާރު ލިބިފައިވާ މި އުޅަނދަކީ އެންމެ ފަހުގެ ހަތިޔާރު ބޭނުންކުރުމަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ. އެގޮތުން މިސައިލުން ރައްކާތެރިވާ ނިޒާމާއި، ވަޔާއި ކަނޑު އަޑީގެ ހަމަލާތައްދޭ މިސައިލް ފަދަ ހަތިޔާރުގެ އިތުރުން މި މަނަވަރުގައި ދެ ހެލިކޮޕްޓަރުވެސް ބޭނުންކުރެއެވެ.
މި މަނަވަރަކީ އެންމެ ފަހުގެ އޮޓޯމޭޓެޑް ސިސްޓަމްތައް ހިމަނާފައިވާ މަނަވަރެއް ކަމުން، އާންމުކޮށް މިފަދަ މަނަވަރުތަކުގައި ސިފައިން ހަރަކާތްތެރިވާ މިންވަރަށްވުރެ، މި މަނަވަރުގައި ހަރަކާތްތެރިވާ ސިފައިންގެ އަދަދު މަދެވެ. އެގޮތުން ރާއްޖެއާއި މި ސަރަޙައްދުގެ ބައެއް އެހެން ޤައުމުތަކަށް މި މަނަވަރު ކުރަމުންދާ ދަތުރުގައި ބައިވެރިވަނީ ސިފައިންނެވެ.
ރާއްޖެއަށް ކުރާ މި ދަތުރުގައި މާލޭގެ ބޭރުގައި މި މަނަވަރު އަޅާފައި އޮތްއިރު، ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީ މެދުވެރިކޮށް، ބައެއް ސްކޫލްތަކުގެ ދަރިވަރުންނާއި، އެކިއެކި އެހެން ފަރާތްތައް މި މަނަވަރަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު ވަނީ ފަހިކޮށްފައެވެ.