މޯލްޑިވްސް ފަންޑް މެނޭޖްމަންޓްގެ ނަމުގައި ރައީސުލްޖުމހޫރިއްޔާ އާ ކުންފުންޏެއް އުފައްދަވައިފިއެވެ.
ބުދަ ދުވަހު ރައީސް އުފެއްދެވި މި ކުންފުންޏަކީ، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ އެކި ސިނާޢަތްތަކުގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށްޓަކައި، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ފަސޭހައިން އިންވެސްޓް ކުރެވޭ ފަދަ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން އުފެއްދެވި ކޮމިޝަންއެކެވެ.
"މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި އުފެއްދި މި ކޮމިޝަނަކީ، ސައްތައިން ސައްތަ ސަރުކާރު ޙިއްޞާވާ ކުންފުންޏެކެވެ.
ރައީސުލްޖުމްހޫރިއްޔާ މިކުންފުނި އުފައްދަވާފައި ވަނީ ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 95 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 3/2019 އިން، އުފެއްދެވި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑަކީ ރާއްޖޭގެ އިންވެސްޓަރުންނާއި ބައިނަލްއަޤްވާމީ ބާޒާރުތަކުން ހެޔޮ އަގުގައި ފަންޑު ސްޓްރަކްޗަރތައް މެދުވެރިކޮށް، ފައިނޭންސް ހޯދުމަށް ޚާއްޞަކުރެވިގެން އުފެއްދެވި ކުންފުންޏެކެވެ.
މި ކުންފުނި އުފެއްދެވީ، ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި، ސަރުކާރު މެދުވެރިކޮށް ޕްރައިވެޓް ސެކްޓަރ އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، ޤައުމުގެ މުއްސަނދިކަން އިތުރުކުރުމަށްޓަކައި، ކުރެވޭ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތައް އިތުރުކުރެއްވުމަށްޓަކައި، ލިބޭ ނަފާއާއި ނަގަންޖެހޭ ރިސްކުތައް މެނޭޖުކުރެވޭފަދަ އިންތިޒާމެއް ޤާއިމުކުރެއްވުމަށްކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.