އާ ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށުމުން އުއްތަމަ ފަނޑިޔާރުގެ މަގާމުން ވަކިވެވަޑައިގެންނެވި، މުހައްމަދު ރަޝީދު އިބްރާހިމަށް އިނާޔަތް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގަނެ ވަގުތީ ކޮމެޓީއަށް ފޮނުވައިފިއެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި ބިލު މަޖިލީހުން ބަލައިގަތީ 31 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ބިލު ބަލައިގަތުމާ ދެކޮޅަށް 15 މެމްބަރުން ވޯޓު ދެއްވިއެވެ.
އެ ބިލު ދިރާސާ ކުރުމަށް ފޮނުވާފައި ވަނީ ފަސް މެމްބަރުންގެ ވަގުތީ ކޮމެޓީއަކަށެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ.
ރިޔާޒު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ހ)ގެ ދަށުން އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު ނިންމުމަކަށް ގެނެވުނު މުހައްމަދު ރަޝީދު އިބްރާހިމަކީ ޝަރަފުވެރިކަމާ އެކު ފަނޑިޔާރު ކަމުގެ މަގާމުން ވަކިވެވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އެހެންކަމުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ދައުލަތުން އެބޭފުޅާއަށް ދޭންޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ.
އެ އިސްލާހުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ބުދަ ދުވަހުގެ ކުރިއަށް ގެންދިޔައީ މަޖިލީހުގައި ކުރިއަށް ގެންދަންޖެހޭ މަރުހަލާތައް ފުރިހަމަ ކުރުމެއް ނެތިއެވެ. އެގޮތުން ރިޔާސަތުގައި އިންނެވި ގާސިމް އިބްރާހިމް ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި، އެ ބިލު ބަހުސް ކުރިއަށް ގެންގެންގޮސްފައެވެ. ބިލުގެ ބަހުސް މަރުހަލާގައި އެމްޑީޕީ މެމްބަރުން ވަނީ އެ ބިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ބިލު ދިރާސާ ކުރުމަށް އެކަށީގެންވާ ވަގުތު ނުދީ ބަހުސް ފެށުމުން އެމްޑީޕީގެ މެމްބަރުން ވަނީ ފާޑުވިދާޅުވެފައެވެ.
ޖޭޕީ އާއި ޕީޕީއެމްގެ މެމްބަރުން ވަނީ އެ ބިލަށް ތާއީދު ކުރައްވައި، ވާހަކަފުޅު ދައްކާފައެވެ.