Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2017 | ހޮނިހިރު 18:01
އިމްތިޔާޒް ފަހުމީ: އޭނާއަށް ވަނީ މަރުގެ އިންޒާރުދީފަ
އިމްތިޔާޒް ފަހުމީ: އޭނާއަށް ވަނީ މަރުގެ އިންޒާރުދީފަ
ރާއްޖެއެމްވީ
މަރުގެ އިންޒާރު
މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ
މަރުގެ އިންޒާރުދީފައިވަނީ ވައިބަރ މެދުވެރިކޮށް
އިމްތިޔާޒްގެ ސަލާމަތިކަންކަން ބަލަހައްޓަމުންނެއް ނުގެންދޭ
މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ

ވަޅިހަރައި މަރާލާނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔަޒް ފަހުމީއަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ހޮނިހިރު ދުވަހު ފުލުހުން ބުނީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ އިމްތިޔަޒް ފަހުމީއަށް ވައިބަރ މެދުވެރިކޮށް، މަރުގެ އިންޒާރު ދިން މައްސަލަ ހުކުރު ދުވަހުގެ ރޭ ފުލުހުންން ހުށައަޅާފައިވާ ކަމަށެވެ. އަދި އެއްމަސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި މިހާރު ބަލުންދާ ކަމަށް ފުލުހުން ބުންޏެއެވެ.

އިމްތިޔަޒް ފަހުމީއަށް ނުދަންނަ ނަމްބަރަކުން ފޮނުވާފައިވާ މެސެޖުގައި ބުނެފައިވަނީ "ކަލޭ ވަޅި ހަރައި މަރާލާނެ" ކަމަށެވެ. އޭގެ އިތުރުން އެއްވެސް އެއްޗެއް ބުނެފަ އެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފުރިހަމަ ރައްކާތެރިކަމާއި، ހިމާޔަތް ފޯރުކޮށްދޭންޖެހޭނެކަމަށް ޤާނޫނުތަކުގައި ފުލުހުންނާއި، ސިފައިންގެ މައްޗަށް ލާޒިމްކޮށްފައިވާއިރު، މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިންއިރު، އޭނާއަށް ރައްކާތެރިކަން ފޯރުކޮށްދެމުންދާކަމެއް ކަށަވަރެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސަލާމަތީކަންކަން ވަކިވަކިން އެމްއެންޑީއެފުން މިހާރު ބަލަހައްޓަމުންނެއް ނުގެންދެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންނަށް މީގެ ކުރިންވެސް ވަނީ މަރުގެ ގިނަ އިންޒާރުތަކެއްދީފަ އެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއް ތަހުޤީޤްކޮށްފައިވާކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެ ގޮތުން އިމްތިޔާޒް ގަޔަށް ކަޅު ތެޔޮ ޖެހި މައްސަލައެއް ވެސް މީގެ ކުރިން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

އިމްތިޔަޒް ފަހުމީއަށް މަރުގެ އިންޒާރުދިންއިރު، އޭނާއަކީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންގެންދަވާ ބޭފުޅެކެވެ. އިމްތިޔާޒަށް މަރުގެ އިންޒާރުދިނުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، އިމްތިޔާޒް ފަހުމީއަށް ވަގުތުން ވަގުތަށް ސަލާމަތިކަންކަން ހަމަޖައްސައިދީ، އިންޒާރުގެ މައްސަލަ ތަހުޤީޤްކުރުމަށް ދައުލަތުގެ އިދާރާތަކަށް ގޮވާލާ ކަމަށެވެ. އެ ގޮވާލުން ވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒްވެސް ތަކުރާރުކުރައްވާފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް