އާ ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށުމުން އުއްތަމަ ފަނޑިޔާރުގެ މަގާމުން ވަކިވެވަޑައިގެންނެވި، މުހައްމަދު ރަޝީދު އިބްރާހިމަށް އިނާޔަތް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.
އޭނާއަށް އިނާޔަތް ދިނުމަށް، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދެވެ.
ރިޔާޒު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ހ)ގެ ދަށުން އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު ނިންމުމަކަށް ގެނެވުނު މުހައްމަދު ރަޝީދު އިބްރާހިމަކީ ޝަރަފުވެރިކަމާ އެކު ފަނޑިޔާރު ކަމުގެ މަގާމުން ވަކިވެވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އެހެންކަމުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ދައުލަތުން އެބޭފުޅާއަށް ދޭންޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ.
އެ އިސްލާހުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ބުދަ ދުވަހުގެ ކުރިއަށް ގެންދިޔައީ މަޖިލީހުގައި ކުރިއަށް ގެންދަންޖެހޭ މަރުހަލާތައް ފުރިހަމަ ކުރުމެއް ނެތިއެވެ. އެގޮތުން ރިޔާސަތުގައި އިންނެވި ގާސިމް އިބްރާހިމް ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި، އެ ބިލު ބަހުސް ކުރިއަށް ގެންގެންގޮސްފައެވެ.
ބިލުގެ ބަހުސް މަރުހަލާގައި އެމްޑީޕީ މެމްބަރުން ވަނީ އެ ބިލަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. ނަމަވެސް ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގެ މެމްބަރުން ވަނީ އެ ބިލަށް ތާއީދު ކުރައްވައި، ވާހަކަ ދައްކާފައެވެ.