ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ހޯދުމަށް އަނެއްކާވެސް ބިލެއް މަޖިލީހަށް ހުށައަޅައިފިއެވެ.
އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މިފަހަރު މަޖިލީހަށް ހުށައެޅުއްވީ ވެލިދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޓީގެ ނައިބު ރައީސް އަބްދުﷲ ޔާމީން ރަޝީދެވެ.
އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ހުށައެޅުއްވި ބިލުގައި ބުނެފައިވަނީ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ބޭފުޅަކު ސަރުކާރުގެ ވަޒީފާ އަދާކުރިކަމުގައި ވިއަސް އިނާޔަތް ލިބޭނެ ގޮތަށް އިސްލާހު ކުރުމަށެވެ. އެ ބިލްގައި ޔާމީން ހުށައެޅުއްވި ހުށައެޅުމުގައި ބުނެފައިވަނީ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 8 ވަނަ މާއްދާގެ (ރ) އުނިކުރުމަށެވެ. އެ ގާނޫނުގެ (ރ) ގައި ބުނެފައިވަނީ ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާ ނަމަ، އެ ވަޒީފާއެއް އަދާކުރަމުންދާ މުއްދަތުގައި އިނާޔަތް ނުލިބޭނެ ކަމަށެވެ. އެމާއްދާ އުވާލުމަށް ޔާމީން ހުށައެޅުއްވި ބިލުގައި ވަނީ ބުނެފައެވެ.
މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި މެމްބަރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް މިހާރު ވެސް އިނާޔަތްތައް ލިބިވަޑައިގަންނަވައެވެ. އެހެން ނަމަވެސް މިހާރުގެ ގާނޫނު އޮތް ގޮތުން އިނާޔަތްތައް ލިބިވަޑައިގަންނަވަނީ އެމެމްބަރަކު މެމްބަރުކަމުން ވަކިވުމަށް ފަހު އުމުރުން 55 އަހަރު ވުމުންނެވެ.
ޔާމީން ހުށައެޅުއްވި ބިލުގައިވަނީ މަޖިލީހުގައި މެމްބަރުކަން ކުރައްވާފައިވާ މެމްބަރުންނަށް މެމްބަރުކަމުން ވަކިވާހިސާބުން އިނާޔަތްތައް ދިނުމަށެވެ. އެގޮތުން އެއް ދައުރު ފުރިހަމަ ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް މެމްބަރުކަމުން ވަކިވާ ހިސާބުން މުސާރައިގެ 30 ޕަސެންޓް ލިބެން ޖެހޭނެ ކަމަށާއި ދެ ދައުރު ފުރިހަަމަ ކުރެއްވި ބޭފުޅަކަށް، އެ ބޭފުޅަކު މެމްބަރަކަށް ހުންނެވި އިރު ލިބިވަޑައިގެންނެވި މުސާރައިގެ 45 ޕަސެންޓު ލިބޭގޮތަށް ބަދަލު ކުރުމަށް ވަނީ ހުށައަޅާފައެވެ.
މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ހަތަރު ބިލެއް މިހާތަނަށް ވަނީ ހުށައަޅާފައެވެ. އެއީ ޔާމީން ހުށައެޅުއްވި އިސްލާހުގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ހުށައެޅުއްވި ކުރީގެ މެމްބަރުންނަށް ވީއައިޕީގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން ގާނޫނަށް އިސްލާހު ގެންނަން ހުށައެޅުއްވި ބިލާއި މެމްބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓު ހަމަޖައްސައިދޭން ހުށަހެޅުއްވި ބިލާއި މެމްބަރުކަމުން ވަކިވާ ހިސާބުން މެމްބަރުންނަށް މާލީ އިނާޔަތް ލިބޭގޮތަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ހުށައެޅުއްވި ދެބިލެކެވެ.
މި ހަތަރު ބިލް ވެސް ހުށައަޅުއްވާފައިވަނީ ނިމިދިޔަ މަޖިލީސް އިންތިޚާބުގައި ވާދަކުރައްވައި ނާކާމިޔާބުވެ ވަޑައިގަތް ތިން މެމްބަރުންނެވެ. މި ބިލަށް އަމަލު ކުރަން ފަށާނީ ބިލް ފާސްކޮށް ރައީސް ތަސްދީގުކުރައްވައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.