ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާޔާއި ގުޅިގެން މިހާރުގެ ސަލާމަތީ ޙާލަތު ވަޒަންކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން ދާކަމަށް ރައީސުލް ޖުމުހުރިއްޔާ އިބްރާހިމް މުހަމަދު ސޯލިހު ވިދާޅުވެއްޖެއެވެ
އަންގާރަ ދުވަހުގެ ރޭ ބޭއްވި ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ ޚާއްސަ ޖަލްސާގައި ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު އަވަށްޓެރި ސްރީލަންކާއަށް ދިން ނުރައްކާތެރި ހަމަލާއަކީ އެއީ ލަންކާއަށް ދިން ހަމަލާއެއް ކަމުގައިވިޔަސް، އެއީ މުޅި މި ސަރަޙައްދަށް ކުރިމަތިވި ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ.
އެ ނުރައްކާތެރި ޙަމަލާއާ ގުޅިގެން، ޤައުމީ ދިފާޢީ ބާރާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ އިތުރުން ދިވެހި ފުލުހުން ގުޅިގެން މިހާރުގެ ސަލާމަތީ ޙާލަތު ވަޒަންކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން ދާކަމަށް ރައީސް ވިދާޅުވިއެވެ
" އެ ޙަމަލާތަކަކީ، އެއްވެސް އިންސާނިއްޔަތުކަމެއް ނެތް ވަރަށް އަނިޔާވެރި، ދަށު ދަރަޖައިގެ ފިނޑި ޢަމަލެއް. ކޮންމެ މަޤްޞަދެއްގައި ވިޔަސް، އެއްވެސް ޙައްޤަކާ ނުލައި، ކުށެއް ނެތް ބަޔަކަށް އެފަދަ ރަޙުމްކުޑަ އަނިޔާއެއް ދިނުމަކީ، ބަލައިގަނެވޭނެ ކަމެއް ނޫން. ދިވެހި ސަރުކާރާއި ރައްޔިތުން، އެ ނުބައި ޓެރަރިޒަމްގެ ޖަރީމާ ކުށްވެރިކުރަނީ، އެންމެ ހަރުކަށި ޢިބާރާތުން،” ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ، ދިވެހިރާއްޖޭގެ ޢިއްޒަތާއި ޝަރަފުގެ އެންމެ އުސް ކުރިބޯށި ކަމަށާއި އެއީ ދިވެހިރާއްޖޭގެ ކީރިތިކަމާއި މޫރިތިކަމުގެ އެންމެ އަލިގަދަ ދަންމަރު ކަމަށެވެ ހަމައެފަދައިން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްދޭ، ދިފާޢީ ކިއްލާއަކީވެސް އެއީ ކަމުގައި ރައީސް ވިދާޅުވިއެވެ.
ދިވެހި ތާރީޚް ދައްކައިދެނީ، ދިވެހި ޤައުމާމެދު ދިވެހި ސިފައިންގެ ހިތްތަކުގައިވާ ލޯތްބާއި ވަފާތެރިކަންކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ދިވެހި ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަން ޙިމާޔަތްކޮށް ކަށަވަރުކުރުމުގައި، ދިވެހި ސިފައިން ވެފައިވާ އަދި ވަމުން އަންނަ މަތިވެރި ޤުރްބާނީ އަކީ ބޭރުގެ ޢުދުވާންތަކުން ދިވެހިރާއްޖެ ޙިމާޔަތްކޮށް ދިފާޢު ކުރުމުގައި، ދިވެހި ސިފައިން ކޮށްފައިވާ މަތިވެރި ޖިހާދެއްކަމުގައިވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
މީގެ ކުރިންވެސް، ދިވެހި ސިފައިންނަކީ، އިސްތިޢުމާރީ ބާރުތަކާއި، ޣައްދާރުންގެ އަނިޔާވެރިކަމާ ދެކޮޅަށް އިސްލާމްދީނާއި މި ޤައުމުގެ ޙައްޤުގައި ޖިހާދުކޮށް މާތް ﷲގެ މަދަދާއެކު ނަޞްރާއި ފަތަޙަ ހޯދާފައިވާ ފަޚުރުވެރި ލަޝްކަރެއް ކަމަށާއި އަދި އެކަން ނޮވެމްބަރު ތިނެއްގެ އުދުވާނީ ޙަމަލާގައި، ދިވެހި ސިފައިން ސާބިތުކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ
"ސިފައިންގެ މިފަދަ މުނާސަބަތެއް ފާހަގަކުރާއިރު، އެ ޢުދުވާނުން ރާއްޖެ ސަލާމަތް ކުރުމުގައި ދިވެހި ސިފައިން ވެވަޑައިގެންނެވި، މަތިވެރި ގުރްބާނީގެ ހަނދާން އައު ކުރުމަކީ ކުރަންޖެހޭނެ. އެ ދުވަހު ޝަހީދުވި ސިފައިންގެ 8 ބޭކަލުންނާއި ޢާންމު ރައްޔިތުންގެ 11 މީހުން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެ ބިނާކުރުމުގެ މަސައްކަތް ކުރަނީ ޤައުމުގެ މައިބަދައަކީ ދިވެހި ޢަސްކަރިއްޔާ ކަމުގައި ބަލައިގެން ކަމަށާއި އެހެންކަމުން، ދިވެހި ސިފައިންނަކީ، ޢިލްމީ ގޮތުންނާއި ފަންނީ ގޮތުން، އަދި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް، ސިފަވަންތަ ބަޔަކަށް ހެދުމަކީ، މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށެވެ.