ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް ބ. ހިތާދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލު ކުރައްވައިފިއެވެ.
އަންގާރަ ދުވަހު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި، ހިތަދޫގެ މިހާރުގެ ހާލަތާއި، އަދި އެރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.
މިގޮތުން، ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހިތާދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރެވިފައި ނެތުންކަން ފާހަގަކުރައްވައި މީގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި، ރަށުގެ ބަނދަރު މަރާމާތުކުރުމާއި، ކުނި މެނޭޖްކުރުމާއި، ވަޒީފާގެ ފުރުޞަތު ފަހިކުރުމާ ބެހޭގޮތުން ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ބޭނުން ވެފައިވާ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިޔަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.