ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީގެ ކޮންގްރެސް އަންނަ ހުކުރު ދުވަހު ބިލަބޮންގް އިންޓަރނޭޝަން ސުކޫލްގައި ބާއްވަން ނިންމައިފިއެވެ.
ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ރައީސް އަބްދުﷲ އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ މި ކޮންގްރެސްވެގެންދާނީ ކުރިމަގު ބައްޓަން ކުރުމަށްޓަކައި އެޅޭނެ ފިޔަވަޅެއް ކަމަށާއި ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން ނިކުންނަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ސަޕޯޓަރުންނަށް ދަންނަވާލަން ބޭނުންވަނީ މި ކޮންގްރެސް ވެގެންދާނީ އަޅުގަނޑުމެންގެ ކުރިމަގު ބައްޓަން ކުރުމަށްޓަކައި އަނެއްކާ ވެސް އައު ލީޑަރޝިޕަކާއި އެކީ ދާއީމީ މަޤާމުތަކަށް މީހުން އިންތިހާބު ކުރުމަށްޓަކައި ބޭއްވޭ ކޮންގްރެސްއެއް މިއީ. އަޅުގަނޑުމެން ދެ ޕާޓީ އެކުވެގެން މި ނިކުންނަނީ ސަރުކާރު ޖަވާބުދާރީ ކުރުވައި ޒިންމާދާރު ކުރުވަން، އަދި ރައްޔިތުންނަށް ލާބަޔާ މަންފާ ހުރި ހިދުމަތްތަކެއް ކޮށްދިނުމަށްޓަކައި. އިރާދުކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި ރައްޔިތުންނަށް ވަރަށް ރަނގަޅު އިދިކޮޅު ކޯލިޝަނެއް ފެނިގެންދާނެ،" އަބްދުﷲ އަބްދުއްރަހީމް ވިދާޅުވިއެވެ.
ދެ ޕާޓީއަށް މަޝްވަރާ ދެއްވުމަށްޓަކައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ދެ ޕާޓީ ވެސް މަސައްކަތް ކުރައްވަމުން ގެންދަވާނީ އެއް ފިކުރެއްގައި ކަމަށެވެ.
ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް އަދި ޕީއެންސީގެ މެދުގައި އެއްވެސް ކަހަލަ މައްސަލަތަކެއް ނުޖެހޭ ކަމަށާއި ވިސްނުމުގައި ތަފާތުތަކެއް އުޅުނުކަމުގައިވީ ނަމަވެސް ދެ ޕާޓީއަކީ އެއް ފިކުރެއްގައި ހިނގާ ދެ ޕާޓީ ކަމަށެވެ.
ޕީޕީއެމްގެ ލީޑާޝިޕް އިސްތިއުފާ ދެއްވުމަށް ގޮވާލައްވައި، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުކަމުގެ މަގާމުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު އިސްތިއުފާ ދެއްވުމާއި ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ނިހާނާއި ޕީޕީއެމްއާ ދެމެދު އެއްވެސް މައްސަލަތަކެއް ދިމާނުވާ ކަމަށެވެ.
"ނިހާން އާއި ޕީޕީއެމް ދެމެދު އެއްވެސް މައްސަލައެއް ދިމަލެއް ނުވޭ އެކަމަކު ނިހާން ބޭނުންފުޅުވީ ޕީޕީއެމުން އައު ލީޑަރޝިފަކަށް ޖާގަ ދެއްވަން. ނިހާންގެ ވެސް ރުހުމާއެކީގައި، ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ވަޑައިގެންނެވި ތިން ބޭފުޅުންނަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް ޤަބޫލުކުރާ، ރައީސް ޔާމީނާ އެކު މަސައްކަތް ކުރައްވަން އެންމެ ޤާބިލް ތިން ބޭފުޅުން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ޕީޕީއެމް އަދި ޕީއެންސީ އަބަދު ވެސް އެކީގައި ގުޅިގެން މަސައްކަތްކޮށް 2023 ވެރިކަމާ ހަވާލުވާން ބޭނުންވާ ކަމަށް ވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.