ކ. މާލެ
|
23 އޭޕްރިލް 2019 | އަންގާރަ 12:59
ޑރ. ރަޖިތަ ސެނެރަތްނެ
ޑރ. ރަޖިތަ ސެނެރަތްނެ
ގޫގުލް
ލަންކާގެ ބޮމުގެ ހަމަލާތައް
ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
ބޮން ގޮއްވާލުމުގެ 28 ގަޑިއިރު ކުރިން އަދި 10 މިނިޓް ކުރިންވެސް އެންގި ކަމަށް ވިދާޅުވި

އީސްޓާއާ ދިމާކޮށް އާދިއްތަ ދުވަހު އަވަށްޓެރި ސްރީލަންކާގެ ޗާޗާއި، ހޮޓާތަކުގައި ހިނގި ބޮންގޮވުމުގެ ހާދިސާގެ މައުލޫމާތު ބޭރުގެ ޖާސޫސީ އިދާރާތަކުން ތަކުރާރުކޮށް ދީފައިވާ ކަމަށް ލަންކާގެ ހެލްތް މިނިސްޓަރު ޑރ. ރަޖިތަ ސެނެރަތްނެ ވިދާޅުވެއްޖެއެވެ.  

ހޯމަ ދުވަހު ބޭއްވި ޕްރެސްކޮންފަރެންސް ގައި ވާހަކަ ދައްކަމުން ރަޖިތަ ވިދާޅުވީ، ލަންކާ އަށް ޓެރަރިސްޓް ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ބޭރު ގައުމުތަކުގެ ޖާސޫސީ އިދާރާތަކުން އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ޑިފެންސް އެޖެންސީތަކަށް ދެމުން ދިޔަ ކަމަށެވެ.

 '' އޭޕްރީލް ހަތަރަކުން ފެށިގެން އިންޓެލް އެޖެންސީތަކުން ދިޔައީ އެ މައުލޫމާތުތައް ދެމުން. ބޮން ގޮއްވާލުމުގެ 28 ގަޑިއިރު ކުރިން އަދި 10 މިނިޓް ކުރިންވެސް އެންގި. ނެޝަނަލް އިންޓެލިޖެންސްގެ ޗީފް ސިސިރަ މެންޑިސް ވަނީ އެ މައުލޫމާތު އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ( އައިޖީޕީ) އާ ހިއްސާ ކޮށްފައި. ތައުހީދު ޖަމާއަތުން ހަށި ގޮއްވާލައިގެން ހަމަލާތަކެއް ރާވަމުންދާ ކަމަށް ވެސް ބުނި '' އޭނާ ވިދާޅުވިއެވެ.

 ރަޖިތަ ވިދާޅުވީ، ތައުހީދު ޖަމާއަތުގެ ލީޑަރުން ކަމަށްވާ، ޒަރަން ހާޝިމީ، ޖަލްހަލް ހިތަލް، ސަޖިތް މޮއުލަވީ އަދި ސިލްހަން ހަމަލާ ރޭވުމަށް ލަންކާ އަށް ގޮސްފައިވާ ކަމަށް ލަންކާގެ އިންޓެލްގެ ޗީފް، އައިޖީޕީ ޕްރިޔަލަލް ޑިސަނަޔާކީ އަށް މައުލޫމާތު ދީފައިވާ ކަމަށެވެ.  

އައިޖީޕީ އެ މައުލޫމާތު މިނިސްޓްރީއަލް ސެކިއުރިޓީ ޑިވިޝަން ( އެމްއެސްޑީ) ޖުޑިޝަލް ސެކިއުރިޓީ ޑިވިޝަން ( އެމްއެސްޑީ)، ސެކިއުރިޓީ ޑިވިޝަން އިންޗާޖް އޮފް ފޯމާ ޕްރެޒިޑެންޓްސް އެންޑް ސެކިއުރިޓީ ޔުނިޓަށް ވެސް އަންގާފައިވާ ކަމަށް ވިދާޅުވިއެވެ.

އެކަމަކު ޕްރައިމް މިނިސްޓްރިއަލް ސެކިއުރިޓީ ޑިވިޝަންއާ ޕްރެޒިޑެންޓަލް ސެކިއުރިޓީ ޑިވިޝަން އަށް ހަމަލާތަކުގެ ވާހަކަ ޑީއަޖީ އަންގާފައި ނުވާ ކަމަށް ހެލްތް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އެދުވަސްވަރު ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް ވެސް ވަނީ ބާއްވާފައެވެ. އެކަމަކު ބޮޑު ވަޒީރު ރަނިލް އަށް ދައުވަތު ދެއްވާފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

 ބޮންގޮއްވުމުގެ ހިތާމަވެރި ހާދިސާ ހިނގިއިރު ޑިފެންސް މިނިސްޓަރު ގައުމުން ބޭރުގައި ހުންނެވި އިރު ވަގުތީ ގޮތުން ޑިފެންސް މިނިސްޓަރަކު އައްޔަން ކޮށްފައެއް ނުވެއެވެ.

 '' ހާދިސާ ހިނގިތަނާ އެކު ކުއްލި ބައްދަލުވުމަކަށް ބޮޑު ވަޒީރު ގޮވައިލެއްވި. ވިހި މިނިޓް  ވަންދެން ބޮޑު ވަޒީރު ހުންނެވި ޑިފެންސް މިނިސްޓަރު ރޫމް ތެރޭގައި. އެއްވެސް މެމްބަރަކު ވަޑައިނުގަންނަވާ.'' ވިދާޅުވިއެވެ.

އޭގެ ފަހުން އާދިއްތަ ދުވަހު މެންދުރު ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމަކަށް ބޮޑު ވަޒީރު ކައުންސިލް މެމްބަރުންނަށް ދައުވަތު ދެއްވި ކަމަށާއި އެއްވެސް ބޭފުޅަކު ހާޒިރުވެވަޑައިނުގަންނަވާ ކަމަށް ހެލްތް މިނިސްޓަރު ވިދާޅުވިއެވެ.

 ހަމަލާގެ ޒިންމާ ރައީސް ސިރިސޭނަ ނަންގަވަން ޖެހޭ ކަމަށް ގަބޫލްފުޅުކުރައްވަންތޯ ނޫސްވެރި އަކު ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ، އެކަމުގެ ޒިންމާ ރައިސްގެ އިސްތަށިފުޅުގައި ނާޅުއްވާނެ ކަމަށެވެ. އެކަމަކު ޒިންމާ ތަކުން ސަރުކާރުން ދުރުނުވެވޭނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށާއި ޒަހަމްވި މީހުންގެ އާއިލާތަކަށް 100،000 ރުޕީސްގެ އިތުރުން ބަދަލެއްގެ ގޮތުގައި އެއް މިލިއަން ރުޕީސް ދޭން ނިންމާފައިވާ ކަމަށް ރަޖިތަ ވިދާޅުވިއެވެ.

މީގެ ހަ މަސް ކުރިން އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީ ( އެންއޭއައިއޭ) އަށް ސްރީލަންކާގެ ޗާޗްތަކެއްގައި ބޮންތަކެއް ގޮއްވާލަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އިންޑިއާގެ ދަ ހިންދޫ ނޫހުން ރިޕޯޓް ކުރެއެވެ. އެންއައިއޭ އިން އެ މައުލޫމާތު ލަންކާގެ ފަރާތްތަކާއި ހިއްސާކޮށްފައިވާ ކަމަށްވެސް އެ ނޫހުގައިވެއެވެ.

 ހާދިސާގެ މައުލޫމަތު ކުރިން ލިބިފައިވާއިރު، ސީރިއަސް ގޮތެއްގައި ނަގާފައި ނުވާ ސަބަބު ތަހުގީގު ކުރަން ޖެހޭ ކަމަށް ޓެލެކޮމިއުނިކޭޝަން މިނިސްޓަރު ހަރިން ފެނާންޑޯ ވަނީ އާދިއްތަ ދުވަހު ވިދާޅުވެފައެވެ.

 ތައުހީދު ޖަމާއަތާ ގުޅުން އޮންނަ ސާޅިސް މީހަކު ވަނީ މިހާތަނަށް ހައްޔަރު ކޮށްފައެވެ. އެ ޖަމާއަތާއި ގުޅުން އޮންނަ  އިތުރު މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.  އަދި ހަމަލާތަކާއި ގުޅިގެން ފުލުހުން ސީރިޔާގެ ރައްޔިތަކާއި ސުވާލު ކުރަމުންދާ ކަމަށް ލަންކާ ގައި ހުންނަ ބީބީސީ ރިޕޯޓަރު އައްޒާމް އަމީން ވަނީ ރިޕޯޓް ކޮށްފައެވެ.

ލަންކާގެ ގައުމީ ހިތާމާގެ ދުވަސް ކަމުގައި މިއަދު ކަނޑައަޅާފައިވާއިރު މަރުވި މީހުންގެ ހަނދާނުގައި ސުކޫތެއް ވަނީ ގެނެސްފައެވެ. އަންގާރަ ދުވަހު ހެނދުނާ ހަމަޔަށް 310 މީހަކު މަރުވެ 480 މީހަކު ޒަހަމްވެފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.

- ކޮމެންޓް