ސްރީލަންކާގެ ބޮން ގޮއްވުމުގެ ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ބޯޑަރ ސެކިއުރިޓީ ވަރުގަދަކޮށްފިއެވެ.
އިމިގްރޭޝަނުން ހޯމަ ދުވަހުކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ އެ ހާދިސާއާ ގުޅިގެން އިމިގްރޭޝަންގެ ކޮންޓްރޯލަށް މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އިމިގްރޭޝަންގެ ބޯޑަރ ކޮންޓްރޯލް އޮފިސަރުންނަށް އަމަލުކުރަންޖެހޭނެ ގޮތްތައް ކިޔައިދެއްވާފައިވާ ކަމަށާއި ސްރީ ލަންކާގެ ބޮން ގޮއްވުމުގެ ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ބޯޑަރ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށެވެ.
Controller General @hanafymv has briefed Immigration Border control officers and has taken necessary measures to tighten border security in response to the series of terror attacks in neighboring Sri Lanaka. pic.twitter.com/kd3UVHpy4L
— Maldives Immigration (@ImmigrationMV) April 22, 2019
އާދިއްތަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެގައުމުގައި ކުއްލި ހާލަތު އިއުލާން ކުރަން ނިންމާފައެވެ. ސްރީލަންކާގައި ދިން ސިލްސިލާ ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 290 އަށް އަރާފައިވާ ކަމަށް ބީބީސީން ވަނީ ރިޕޯޓް ކޮށްފައެވެ. މިހާތަނަށް 24 މީހަކު ހައްޔަރުކޮށްފައި ވެއެވެ.
ޒަޚަމްވެފައިވާ މީހުންގެ އަދަދު 500 އަށް އަރާއިރު މަރުވި މީހުގެ ތެރޭގައި ބޭރު ގައުމުތަކުގެ މީހުން ވެސް ހިމެނެއެވެ. ލަންކާގައި ހިނގަމުންދިޔަ ދާޚިލީ ހަމަނުޖެހުންތައް 2009 ވަނަ އަހަރު ނިމުނު ފަހުން އެ ގައުމުގައި ދެވުނު އެންމެ ނުރައްކާތެރި ހަމަލާއަށް ފަހު ގައުމު އޮތީ ކުއްލި ސިހުމެއްގައެވެ.
ސްރީލަންކާގައި ދިން ބޮމުގެ ހަމަލާ ދުނިޔޭގެ އެކި ކަންކޮޅުތަކުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައިވާއިރު ރާއްޖެއިން ވެސް ވަނީ އެ ހަމަލާތަށް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށް ސަލާމަތީ ހިދުމަތްދޭ ފުލުހުންނާއި ސިފައިން ވަނީ ބުނެފައެވެ.