ޑިންގީއެއް ބަންޑުން ޖަހާލުމާ ގުޅިގެން ގެއްލިފައިވާ އައިމިނަތު ޝިމާ ނާފިޒު ރޯކޮށްލާފައިވާ ކަމަށް ބުނެ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ދެ ރަށެއް ބަލައި ފާސްކޮށްފިއެވެ.
ހޯމަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝް ވިދާޅުވީ، ޝިމާ ރޯކޮށްލާފައިވާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގއ. އަތޮޅުގެ ދެ ފަޅުރަށެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި، ޝިމާގެ ކޭސްގައި ލީޑްއަކަށް ނެގޭނެ ފަދަ އެއްވެސް ވަރުގަދަ ހެއްކެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އިވޭ އަޑުތައް ވެސް ވެރިފައި ކުރުމުގެ ގޮތުން މަސައްކަތްތަކެއް ކުރެވެމުން ދޭ، އެގޮތުން ވެސް އަޅުގަނޑުމެން މިއަދު ހެނދުނު ގއ. ގެ ދެ ރަށެއް ބަލައިފިން ހަމަ މި މައްސަލައާ ގުޅިގެން. ރަށަށް ފޮނުވައިގެން، ފަޅު ރަށް، މިސާލަކަށް މިއަދު އިވުނު ވާހަކައަކީ ގއ. ގެ ރަށެއްގައި އޭނާ އަންދާލީ ކަމަށް، އެހެންވީމާ އެކަހަލަ ތަންތަން ވެސް އެބަޖެހޭ ބަލާލަން، ކިރިޔާވެސް އެކަމާ ގުޅޭ ވާހަކައެއް އައިސްފި ނަމަ އަޅުގަނޑުމެން ބޭނުންވޭ އެކަން ވެރިފައި ކުރަން،" ފައިރޫޝް ވިދާޅުވިއެވެ.
އޭގެ އިތުރުން، މި މައްސަލާގައި މިހާތަނަށް މުޅި ލ. އަތޮޅު ބެލިފައިވާ ކަމަށާއި، މިހާތަނަށް އެއްވެސް ލީޑެއް ފެނިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން 28 މާރިޗުގަ ޚާއްސަ ޑައިވެއް އެ ސަރަހައްދަށް ކުރިން، މި ޑައިވް ކުރީ އަޅުގަނޑުމެންނަށް ފޯން ރެކޯޑްސްތަކުންނާއި، ފޯން އެންޓަނާ ތކުން ލިބިފައި ހުރި މައުލޫމާތުތައް ހޯދައިގެން އެ އެއްޗެހި އެނެލައިޒް ކޮށްގެން. އަދި އެ ދުވަހުގެ މޫސުން ދިރާސާ ކުރުމަށް ފަހު، އެ ސަރަހައްދަށް ގާތްގަނޑަކަށް ރިސޯޓުން ވެއްޖެ ނަމަ 1.5 މޭލު ހިސާބަށް އަޑިއަށް އެއްޗެއް ބަންޑުން ޖަހާލައިފި ނަމަ އަޑިއަށް ދާނެ ކަމަށް ބެލެވޭ ސަރަހައްދުގެ ކޮންމެސް ވަރެއްގެ ސަރަހައްދެއް ކަނޑައަޅައިގެން އެ ސަރަހައްދު އަޅުގަނޑުމެން ބެލިން. އެހެން ނަމަވެސް އަދި މިހާތަނަށް މި މައްސަލައާ ގުޅޭ ގޮތުން އެއްވެސް ލީޑެއްގެ ގޮތުގައި ފާހަގަކޮށްލެވޭނެ ކަހަލަ އެއްޗެއް އަޅުގަނޑުމެންނަށް ފެނިފައެއް ނުވޭ،" ފައިރޫޝް ވިދާޅުވިއެވެ.
ޢުމުރުން 19 އަހަރުގެ ޝިމާ ފާއިޒް ގެއްލިފައި ވަނީ ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އޭނާ ގެއްލުނީ ލ. ކައްދޫއިން ފުރައިގެން އެއަތޮޅު މާމެންދޫއަށް ޑިންގީ އެއްގައި ދަތުކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހާލައިގެން ކަމަށް ޝިމާއާ އެކުގައި ޑިންގީގައި ދަތުރުކުރި ފަޒީލް ބުނެފައި ވެއެވެ. އޭގެ އިތުރުން، ޝިމާ ގެއްލުނު ހާދިސާ އަށް ފަހު، އޭނާގެ ކޮއްކޮ ގޮވައިގެން މޫނު ނިވާކޮށް ޑިންގީއެއްގައި ފިލަން އުޅެނިކޮށް ހައްޔަރުކުރި މީހުންގެ ތެރޭގައި ފަޒީލް ވެސް ހިމެނޭ އިރު، އެ މައްސަލަ ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. އަދި މި ދެ މައްސަލައިގައި ގުޅުމެއް އޮތް ކަމަށް މިހާތަނަށް ކުރި ތަހުޤީޤުން ނުފެންނަ ކަމަށް ވެސް ފައިރޫޝް ވިދާޅުވިއެވެ.
ޝިމާ ގެއްލުނު ހާދިސާއާ ގުޅިގެން މިހާތަނަށް 17 ރަށެއް ބަލައި ފާސްކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން 46 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށާއި، ވައިގެ މަގުން 10 މޭލުގެ ރޭޑިއަސްއެއް ކަނޑައަޅައި ބަލާފައިވާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި ކަނޑުގެ މަގުންވެސް 1900 އަކަ ކިލޯ މީޓަރުގެ ސަރަހއްދެއް ބަލާފައިވާއިރު، މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމުގެ ކުރިން ފުލުހުން އަދިވެސް ތަހުޤީޤުކޮށް ކަށަވަރުކުރަން ބޭނުންވާ ކަންކަން ހުރި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.