Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2017 | ހޮނިހިރު 15:33
ގއ. ދެއްވަދޫ
ގއ. ދެއްވަދޫ
ފޭސްބުކް
ދެއްވަދޫ ކައުންސިލް އޮޑިޓް
ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި
އިއުލާނު ނުކޮށް އެތައް ހާސް ރުފިޔާއެއްގެ ތަކެއްޗާއި ޚިދުމަތް ވަނީ ހޯދާފައި
49،729 ރުފިޔާ ޖަމާކޮށްފައެއް ނެތް
217،206 ރުފިޔާ ހުއްދަ ނުހޯދާ ޚަރަދު ކޮށްފައިވޭ
ބަޖެޓް ފާސް ނުކޮށް 141،418 ރުފިޔާ ވަނީ ޚަރަދު ކޮށްފައި

ހުވަދު އަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލުގެ އިދާރާއިން 2015 ވަނަ އަހަރު މާލިއްޔަތުގެ ގާނޫނާއި ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާގެ ފައިސާ ޚަރަދު ކޮށްފައިވާކަން އެ ކައުންސިލްގެ 2015 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި އޮޑިޓަރ ޖެނެރަލް ފާހަގަ ކުރައްވައިފިއެވެ.

ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އޮޑިޓަރ ޖެނެރަލް އާއްމު ކުރެއްވި ރިޕޯޓުގައި ވަނީ، 2015 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި ކައުންސިލްގެ އިދާރާއިން ބަލައިގެންފައިވާ ފައިސާގެ ތެރެއިން 49،729 (ސާޅީސް ނުވަހާސް ހަތް ސަތޭކަ ނަވާވީސް) ރުފިޔާ ދައުލަތުގެ އާމްދަނީގެ ގޮތުގައި ޕަބްލިކް އެކައުންޓަށް ޖަމާކޮށްފައި ނުވާ ކަމަށެވެ.

މާލިއްޔަތުގެ ގަވައިދުގައި ޚިދުމަތާ ތަކެތި ހޯދަން ޖެހޭނީ ވެރިއެއްގެ ހުއްދަ ހޯދައިގެން ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ދެއްވަދޫ ކައުންސިލްގެ އިދާރާއިން 217،206 (ދެލައްކަ ސަތާރަހާސް ދުއިސައްތަ ހައެއް) ރުފިޔާ، ތެކެތި ގަތުމަށް ގަވައިދާ ޚިލާފަށް ޚަރަދު ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބަޔާން ކޮށްފައިވެއެވެ.

މީގެ އިތުރުން ތިން ފަރާތުން އަގު ހޯދުމަކާ ނުލާ ދެއްވަދޫ ކައުންސިލްގެ އިދާރާއިން 82،945 (އަށްޑިހަ ދެހާސް ނުވަ ސަތޭކަ ސާޅީސް ފަހެއް) ރުފިޔާ ގެ ތަކެއްޗާއި ޚިދުމަތް ހޯދުމަށް ޚަރަދު ކޮށްފައިވާ ކަމަށްވެސް ރިޕޯޓްގައި ވެއެވެ.

އަދި އޯޑަރު ކުރެވުނު ތަކެތި ބަލައިގަތްކަން އެނގެން ނެތް ގޮތެއްގައި 133،130 (އެއްލައްކަ ތިރީސް ތިންހާސް އެއް ސަތޭކަ ތިރީސް) ރުފިޔާގެ މުދަލާއި ޚިދުމަތް އެ ކައުންސިލުން ހޯދާފައިވެއެވެ.

އޮޑިޓް އޮފީހުގެ ރިޕޯޓްގައި ހުވަދު އަތޮޅު ދެއްވަދޫ ކައުންސިލް އިދާރާއިން 2015 ވަނަ އަހަރު އިއުލާނު ކުރުމެއް ނެތި، 93،422 (ނުވަދިހަ ތިންހާސް ހަތަރު ސަތޭކަ ބާވީސް) ރުފިޔާގެ ތަކެއްޗާއި ޚިދުމަތް ހޯދާފައިވާ ކަމަށް ބުނެފައިވެއެވެ.

ލާމަރުކަޒީ ގާނޫނުގެ 99 ވަނަ މާއްދާގައި، ފާސްކުރި ބަޖެޓުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެ ނަމަ، ސަޕްލިމެންޓަރީ ބަޖެޓެއް ތައްޔާރުކޮށް ކައުންސިލް އިދާރާއިން ފާސް ކުރަންޖެހޭނެ ކަމަށް ބަޔާން ކޮށްފައި އޮތް ނަމަވެސް، މި މާއްދާއާ ޚިލާފަށް ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރުމަކާ ނުލާ، 141،418 (އެއްލައްކަ ސާޅީސް އެއްހާސް ހަތަރު ސަތޭކަ އަށާރަ) ރުފިޔާ ޚަރަދުކޮށްފައި އޮތް ކަންވެސް ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ގަވައިދާ ޚިލާފަށް މުވައްޒަފުންނަށް ފައިސާ ދިނުމާއި، އާމްދަނީގެ ގޮތުގައި ތަންތަން ކުއްޔަށް ދީގެން ކައުންސިލް އިދާރާއަށް ލިބެންޖެހޭ ފައިސާ ހޯދާފައިނުވާ މައްސަލައާއި، ކައުންސިލް އިދާރާއިން ކުއްޔަށް ދީފައިވާ ބިންބިމުގެ ދަފްތަރު ބަލަހައްޓާފައި ނުވުމާއި، ކައުންސިލަރުން ހުށަހަޅަންޖެހޭ މާލީ ބަޔާން ކައުންސިލްގެ އެއްވެސް މެމްބަރަކު ލިޔުމުން ހުށަހަޅާފައި ނުވާ ކަމަށްވެސް އޮޑިޓް އޮފީހުން ހާމަކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 115 ވަނަ މާއްދާގައި ކޮންމެ ހަފްތާއަކު އެއްފަހަރު ކައުންސިލްގެ އާއްމު ބައްދަލުވުމެއް ބާއްވަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް ބާއްވަންޖެހޭ 52 ޖަލްސާގެ ތެރެއިން ބާއްވާފައިވަނީ އެންމެ 29 ޖަލްސާކަންވެސް ދެއްވަދޫ ކައުންސިލްގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް
25 ފެބްރުއަރީ 2017 | ހޮނިހިރު 13:54
އަލީ މުގާބޭ
މި އޮޑިޓް ރިޕޯޓަށް ރިޢާއަށްކޮށް ރައްޔިތުންގެ ފައިސާއަށް ޙިޔާނަތްތެރިވެފައިވާ އެއްވެސް ކައުންސިލަރަކަށް މިފަހަރު އިންތިހާބުގައި ވޯޓް ދެވެންނެތްވާހަކަ ހިތާމައާއެކުދެންނެވީމެވެ