ކުރަމުން ދާ ވިއްސާރައާއި ފެންބޮޑުވުމުގެ ހާއްދިސާގައި ރާއްޖޭގެ ސިއްހީ ޚިދުމަތް ދޭ އެއްވެސް ތަނަކަށް ގެއްލުން ލިބިފައި ނުވާ ކަމަށް ހެލްތު މިނިސްޓްރީގެ ރިޖަނަލް އެންޑް އެޓޯލް ހެލްތު ސާރވިސަސްގެ ޑިވިޒަން ޑައިރެކްޓަރ މުހައްމަދު މީޒާން ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން މީޒާން ވިދާޅުވީ މިދުވަސްވަރަކީ މޫސުން ގޯސްވެ، މުޅި ރާއްޖެއަށް ވިއްސާރަކޮށް، ފެންބޮޑުވެ، ރައްޔިތުންގެ މުދަލަށާއި ތަކެއްޗަށް ގެއްލުން ވަމުންދާ ދުވަސްވަރެއް ކަމުން ޚާއްސަ ސަމާލުކަމެއް ދީގެން ސިއްހީ ޚިދުމަތް ފޯރުކޮށްދޭ އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައި ވޭތޯ ބަލާފައި ވާކަމަށެވެ.
މިގޮތަށް ބެލި ބެލުމުން މާލޭގައި ވެސް އަދި އަތޮޅު ތެރޭގައި ވެސް ސިއްހީ ޚިދުމަތް ދޭ އެއްވެސް ތަނަކަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބަލި މީހަކަށް ފަރުވާ ނުދެވޭ ވަރަކަށް ސިއްހީ ޚިދުމަތް ދޭ އެއްވެސް ތަނެއްގެ ހާލަތު ގޯސްވެފައި ނުވޭ. ހޮސްޕިޓަލުތަކަށާއި، ސިއްހީ މަރުކަޒުތަކަށާއި ހެލްތު ސެންޓަރު ތަކުގައި ޑޮކްތަރުންނާއި ނަރުހުންނާ ބޭހާއި އަދި އެހެނިހެން ވަސީލަތްތައް ވެސް އެބަހުރި،" މީޒާން ވިދާޅުވިއެވެ
މީގެ އިތުރުން ވެސް އެއްވެސް ދިމާއެއްގައި މައްސަލައެއް އުޅޭ ނަމަ އެކަން ބަލާ މޮނީޓަރ ކުރަމުން ދާކަން ފާހަގަ ކުރައްވާ މީޒާން ވިދާޅުވީ ހެލްތު މިނިސްޓްރީގެ އެމެޖެންސީ ކޯޑިނޭޝަން ކޮމެޓީން މި ފަދަ ކަންކަމަށް ސަމާލުކަމެއް ދީގެން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
"އެއްވެސް ތަނަކުން ފޯރޮކޮށްދޭ ސިއްޙީ އެއްވެސް ޚިދުމަތަކަށް ބުރުލެއް އަޔަނުދީ ކުރިއަށް ގެންދިއުމަށް ކޮމެޓީން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުން. މިފަދަ ދުވަސްވަރަކާ ދިމާކޮށް ޖެހުމުގެ ފުރުސަތު ބޮޑު ބަލިތަކަށް ބޭނުންވާ ބޭސްތައް ވެސް އެތަންތަނަށް ވަނީ ފޮނުވިފައި. ކުރިއަށް އޮތްތާނގައި ވެސް އެކަންތައްތައް އެގޮތަށް ކުރިއަށް ދާނެ،" މީޒާން ވިދާޅުވިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއަށް ވާރޭ ނުވެހި އޮތުމަށް ފަހު މިދިޔަ ބުދަދުވަހު ވަނީ ވާރޭ ވެހިފައެވެ. އަދި ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަކޮށްފައި ވާއިރު މިދިޔަ ހޮނިހިރު ދުވަހު ވަނީ އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެ ބައެއް ރަށްތަކަށް ނަގޫރޯޅިއަރާ މިހުންގެ މުދަލަށާއި ތަކެއްޗަށް ގެއްލުންތަކެއް ވެފައެވެ.