މޯލްޑިވްސް ކަސްޓަމްސް ސާރަވިސްގެ ބޮންޑެޑްވެއަރ ހައުސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުރަލާއި އޫރުމަސް ނައްތާލައިފިއެވެ.
އާދިއްތަ ދުވަހު މި ތަކެތި ނައްތާލާފައި ވަނީ ކ. ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ.
ނައްތާލާފައިވަނީ 415.45 ކިލޯ ގްރާމްގެ އޫރުމަހާއި، 36 ފުޅި ބަނގުރާ ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.
މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާ ތަކެތި ކަސްޓަމްސް އިން ނައްތާލުމުގައި ޢަމަލުކުރާނެ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެ ކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ވަނީ ބަޔާންކުރެވިފައެވެ.