ވެރިރަށް މާލޭގެ މަގުތަކުގެ ހާލަތު އަދިވެސް ރަނގަޅު ނުވާ ކަމަށް މާލޭ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ޑިޒާސްޓާ މެނޭޖްމެންޓާ މާލެ ސިޓީ ކައުންސިލާ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މާލޭ މޭޔަރު ޝިފާ ވިދާޅުވީ، މަޖީދީމަގު ހެދުމުގެ ކުރީގައި އެމަގަކީ ފެންބޮޑުވާ މަގެއް ނޫން ކަމަށެވެ. އަދި ހަމައެއާ އެކު ސިޓީ ކައުންސިލުން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ، މާލޭގެ މަގުތައް ރީސްޓްރަކްޗާ ކުރުން ކަމަށް ވިދާޅުވިއެވެ.
''އަދި ހަމަ އެހެންމެ ރަސްފަންނު ހެދިއިރު ރަސްފަންނު އެއޮތީ ތަންކޮޅެއް މައްޗަށް ހިއްލާލެވިފައި. އެހެންވުމުގެ ސަބަބުން ވެސް ހަމަ އެއްކަލަ ތަގަރިއެއް ހެން މާލޭގެ އެތެރެއަށް ފެން ވަންނަ ގޮތް މިވަނީ. އަނެއް ކޮޅުން ރިންގް ރޯޑުވެސް އެ އޮތީ އުސްކޮށް. ދެ ފަރާތަުން ފެން އައިސް މި ބެދޭނީ މެދަށް... އެންމެ ފުރަތަމަ ސިޓީ ކައުންސިލުން ކުރިޔަށް އޮތްތާގައި މާލެއަށް ކަމެއް ކޮށްދެއްވުމަށްޓަކައި ކުރަން ޖެހޭ ކަމަކީ މާލޭގެ ހުރިހާ މަގުތައް އަލުން ރީސްޓްރަކްޗާ ކުރަން އިނގޭތޯ. އެއީ ކުރަން ޖެހޭ ކަމެއް.'' ޝިފާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވި ގޮތުގައި، ވިއްސާރަ މޫސުމުގެ ކުރިން މަގުތަށް ހެދުމާއި ބެހޭ ގޮތުމުގެ އިތުރުން މާލެ މަގުތަކުގައި ހޮޅިތައް ގިނަވާތީ އެކަމާ ބެހޭ ގޮތުން ޕްލޭނިން މިނިސްޓްރީއާ އެކު މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ.
ޝިފާ ވިދާޅުވީ، މާލޭގައި އަޅާފައިވާ ނަރުދަމާއަކީ ބޮޑު އާބާދީއެއްގެ މީހުން ދިރިއުޅެން ހަދާފައިވާ ތަނެއް ނޫން ކަމަށެވެ. ހޮނިހިރު ދުވަހު މާލެއަށް ވާރޭވެހި ބައެއް ސަރަހައްދުތަކުގައި ވަނީ ފެން ބޮޑުވެފައެވެ.
މޭޔަރު ވިދާޅުވީ، މާލެއަށް ދިމާވާ ކަންތައްތަކުގައި އަމަލު ކުރަން ޖެހޭ ގޮތާ ބެހޭ ގޮތުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓާއި އެހެނިހެން މުއައްސަސާތަކާ އެކު ވޭތުވެދިޔަ ހަފްތާގައި މަޝްވަރާ ކުރެވި ޕްލޭނެއް ހެދިފައިވާ ކަމަށެވެ.
އެފަދަ ޕްލޭނެއް ހެދިފައިވުމުން ހޮނިހިރު ދުވަހު ވިއްސާރާ ވުމުގެ ސަބަބުން މުހިއްމުކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ފެންބޮޑުވާން ފެށުމާ އެކު ޕަމްޕުތައް ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރެވިފައިވާ ކަމަށް ޝިފާ ފާހަގަ ކުރެއްވިއެވެ. ސްޓެލްކޯގެ ފަރާތުން ވެސް އެއްބާރުލުން ލިބިފައިވާ ކަމަށް ޝިފާ ވިދާޅުވިއެވެ. އަދި ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑައިގެން ދިޔަ ކަމަށެވެ.