ހޮނިހިރު ދުވަހު ރާއްޖެއަށް ކުރި ވިއްސާރައިގެ ލިބުނު ގެއްލުންތަކުގެ ސަބަބުން އަމިއްލަ ގެދޮރުގައި ނޫޅެވޭ ހާލަތުގައި ހުރި އެއްވެސް ގެއެއް ނުހުންނާނެ ކަމަށާއި ހުރިހާ ގެއްލުންތައް ފޫބައްދާލާފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިން ބުނެފިއެވެ.
ހޮނިހިރު ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކަަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑިޒާސްޓާރ މެނޭޖްމެންޓްގެ ޑެޕިއުޓީ ޗީފް އެކްޒެކްޓިވް އުމަރު ފިކުރީ ވިދާޅުވީ ފޮނަދޫގެ 12 ގެއަކަށް ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އާއި ފޮނަދޫ ކައުންސިލާ ގުޅިގެން އިއްޔެ އެއްކޮށް ނިންމާލެވިފައިވާ ކަމަށާއި ގެއްލުންވި 12 ގޭގެ ތެރެއިން ފުރާޅަށް ގެއްލުންވި ހަ ގެއެއްގެ ފުރާޅު އެޅުމުގެ ކަންތައް އިއްޔެ އަށް ނިމިފައިވާ ކަމަށެވެ.
"އިއްޔެ ގެއްލުންވި 12 ގޭގެ ތެރެއިން ފުރާޅަށް އެކިވަރުގެ ގެއްލުން ލިބުނީ ހަ ގެއަށް، މި ހަ ގޭގެ ފުރާޅުއެޅުމުގެ މަސަތްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އެކު ކައުންސިލުން ވިލަރެސް ކޮށްދެއްވިގޮތަށް ފުރާޅު އެޅުމުގެ މަސަތްކަތް އިއްޔެ އަޅުގަނޑުމެން ވާނީ ކޮށް ނިންމާފައި. އެހެންވެ މިވަގުތު ގޭގައި ދިރި ނޫޅެވިގެން އެހެން ތަނެއްގައިި ދިރިއުޅެންޖެހޭ އެއްވެސް އާއިލާއެއް ނެތް ، އިއްޔެ ލިބުނު ގެއްލުން އަޅުގަނޑުމެންނަށް މިހާރު ވަނީ ފޫބައްދައިދިނުމުގެ މަސަތްކަތް ކުރެވިފައި " ޑެޕިއުޓީ ޗިފް އެކްޒެކްޓިވް އުމަރު ފިކުރީ ވިދާޅުވިއެވެ.
މީގެ އިތުރުން، އުމަރު ވިދާޅުވީ އެހެން އަތޮޅުތަކަށް ބަލާއިރު، ގއ. ވިލިނގިއްޔަށް ވެސް އުދަ އަރާފައިވާ ކަމަށް މައުލޫމާތު ލިބިފައި ވާކަމަށާއި ދާންދޫއަށް ވެސް އުދަ އަރާފައިވާ ކަމަށެވެ. ނަމަވެސް މި ހާދިސާތަކުގައި އެއްވެސް ބޭފުޅަކަށް، ގޭބީސީއަކަށް ގެއްލުން ލިބިފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ. މޫސުމާ ބެހޭ އިދަރާ އިން ހޮނިހިރު ދުވަހު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެލާރޓް ނެރެ، ދިޔަވަރު ބޮޑުވާ ގަޑީގައި އުދަ އަރާފާނެ ކަމަށް ލަފާ ކޮށްފައެވެ. މި ދުވަސްވަރަކީ މޫސުން ބަދަލުވާ ދުވަސްވަރަށް ވުމާ އެކު، އުދަ އެރުމަކީ އާދައިގެ ކަމެއް ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ކުރިއަށް އޮތް 24 ގަޑި އިރުގެ މޫސުން ލަފާކުރާ ގޮތުގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާ އެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރު މިނުގައި ވައި ޖެހޭނެއެވެ. ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއަށް ވާރޭ ނުވެހި އޮތުމަށް ފަހު ވާރޭވެހެން ފަށާފައި ވަނީ މިދިޔަ ބުދަ ދުވަހުގައެވެ.