ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އެއްދުވަހަށް އިންޑިއާއަށް ކުރައްވާ ދަތުރުފުޅު ފައްޓަވައިފިއެވެ.
އެމަނިކުފާނުގެ ދަތުރުފުޅާއި ބެހޭގޮތުން ރައީސް އޮފީހުން ބުނެފައިވަނީ އެމަނިކުފާނުގެ ދަތުރުފުޅަކީ އެ ޤައުމުގެ ކްރިކެޓް ބޯޑްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުވެސް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ބައްލަވާ ކްރިކެޓް މެޗު ފެށެނީ އިންޑިއާ ގަޑިން ރޭގަނޑު 8:00 ގައެވެ. އެމަނިކުފާނު އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ގައި ރޯޔަލް ޗެލެންޖަރސް ބެންގަލޯރ އާއި ޗެންނާއީ ސުޕަރ ކިންގްސް ބައްދަލުކުރާ މެޗު ބައްލަވާއިރު އެމެޗު ބާއްވަނީ އިންޑިއާގެ ބެންގަލޫރުގައެވެ. ރައީސްގެ މިދަތުރުފުޅުގައި ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލު ކުރައްވާނެއެވެ.
މިއީ ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ފަހުން ރައީސް އިންޑިއާއަށް ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. އެދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެން އެގައުމުގެ ބޮޑުވަޒީރާއި އިސް ބޭފުޅުންނާއި ބައްދަލު ކުރައްވާފައެވެ.