ސްރީ ލަންކާގެ ކްރިސްޓިއަނުން އީސްޓަ ސަންޑޭ ފާހަގަކުރަމުން ދަނިކޮށް ތިން ފައްޅިއަކަށާއި ތިން ހޮޓަލަކަށް ދިން ހަމަލާތަކަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު ހެނދުނު ހިނގި މި ހާދިސާއާ ގުޅޭގޮތުން ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓެރަރިޒަމްގެ އެ ފިނޑި އަމަލުގެ ޝިކާރައަކަށްވި ހުރިހާ ފަރާތްތަކަށް ތައުޒިޔާ ކިއުއްވާ ކަމަށާއި، މި ހިތާމަވެރި ވަގުތުގައި ލަންކާގެ ސަރުކާރާއި ރައްޔިތުންނާއެކު ތިބި ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.
Saddened by the horrific events in Sri Lanka this morning. My heartfelt sympathies to all affected by this cowardly act of terror. At this difficult time, I affirm our solidarity with the government and people of Sri Lanka and assure our support in the fight against terrorism.
— Ibrahim Mohamed Solih (@ibusolih) April 21, 2019
ރައީސް އިތުރަށް ވިދާޅުވީ، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއިން އެއްބާރުލުންދޭނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.
މިއީ މި ފަހުގެ ތާރީޚުގައި ލަންކާގައި ދިން އެންމެ ވަރުގަދަ ހަމަލާއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 100 ވުރެ މައްޗަށް ވަނީ އަރައިފަ އެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 200 އަށް ވުރެ ގިނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ލަންކާގެ ނޫސްވެރިޔަކު ބުނި ގޮތުގައި، ކޮލަމްބޯގެ ނެޝަނަލް ހޮސްޕިޓަލަށް އެކަނި ވެސް، ބޮމުގެ ހަމަލާތަކުގައި ޒަހަމްވި 295 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ގެންގޮސްފަ އެވެ.