އާ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްއަކަށް އިންނަވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ސޯލިހްގެ ރުހުން އޮންނަ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަބްދުލް ގަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ގަފޫރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްއަކަށް އިންނަވަން ޖެހޭނީ ރައީސްގެ ރުހުން އޮންނަ ބޭފުޅެއް ކަމަށާއި އެއީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.
"ރައީސަކީ ޕާޓީގެ އެންމެ އިސް ފަރާތް. އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހަށް ވާނީ ރައްޔިތުންގެ މަޖިލިސް، ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކާއި ނައިބު ރައީސްއަކަށް ސީދާ އިންނަވަން ޖެހޭނީ ރައީސްގެ ރުހުން އޮންނަ ބޭފުޅެއް. އެކަންވާނީ ވެސް އެހެން، އެކަން ހިނގާނީ ވެސް އެހެން. އެއީކީ ޝައްކެއް އޮތް ކަމެއް ނޫން، ނަމަވެސް ބައެއް ބޭފުޅުން ޝައްކުވެގެން އުޅޭ، އެ ޝައްކު ފިލާނެ ފިލާ ހިސާބަށް ދިޔައިމަ،" ގަފޫރު ވިދާޅުވިއެވެ.
އާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށާއި ނައިބު ރައީސްކަމުގެ މަގާމަށް އެމްޑީޕީން ހުށަހަޅާނެ ނަމެއް ޕާލަމެންޓްރީ ގްރޫޕުން ފާސްކުރަން ޖެހޭނީ ސިއްރު ވޯޓަކުން ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް ވެސް ޣަފޫރު ވިދާޅުވިއެވެ.
ޕާޓީގެ މަސައްކަތްތަކުގައި ރައީސް ސޯލިހް އަމަލީ ގޮތުން ނޫޅުއްވެވިކަމުގައިވީ ނަމަވެސް ޕާޓީގައި އެމަނިކުފާނަށް އޮންނަ ޤަދަރާއި އިއްޒަތާއި ބާރުވެރިކަން އަބަދުވެސް އޮންނާނެ ކަމަށް ގަފޫރު އިތުރަށް ވިދާޅުވިއެވެ. އަދި ޕާޓީގެ އަސާސީ ޤަވާއިދުގައި ލިބިދީފައިވާ ހުރިހާ ހައްޤެއް މިހާތަނަށް ރައީސް ބޭނުންކުރައްވަންޖެހޭ ހާލަތްތަކުގައި ބޭނުންކުރެއްވި ކަމަށާއި ކުރިއަތް އޮތް ތާނގައި ވެސް ބޭނުން ކުރައްވާނެ ކަމަށް ގަފޫރު ވިދާޅުވިއެވެ.
ގަފޫރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ތާއިދުނުކުރައްވާ ކަމަށާއި އެއީ ވާނެކަމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ގިނަ ބޭފުޅުން ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާ ކަމަށް ގަފޫރު ވަނީ ވިދާޅުވެފައެވެ.
"އެއް ފަސް އަހަރު ރިޔާސީ ނިޒާމެއްގައި ވެރިކަން ކޮށްފައި އަނެއް ފަސް އަހަރު ބަރުލަމާނީ ނީޒާމެއްގައި ވެރިކަން ކޮށްފައި، މިހެން މިކަންކަން ނުކުރެވޭނެ ނޫންތޯ؟ ނިޒާމް ބަދަލުކުރުން މިއީ ހައްލެއް ނޫން" ގަފޫރު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަނުގެ ތުހުމަތުތައް ކުރެވިފައިވާއިރު މަޖިލިސް މެމްބަރުން އެކަމުން ސަލާމަތްވާނެ ކަމަށް ހީކުރައްވައިގެން އެމްޑީޕީއާ ނުގުޅުމަށް ގަފޫރު ވަނީ އިލްތިމާސްކޮށްފައެވެ.
ޕާޓީގެ ފަރާތުން ހުށަހަޅާ ކޮންމެ ކަމަކަށް "އާނއެކޭ" ނުބާނެކަން ފާހަގަކުރައްވާ ގަފޫރު ވިދާޅުވީ ޕާޓީން ހުށަހެޅިޔަސް އެކަންތައްތަކަށް ތާއީދު ކުރައްވާނީ އެއީ ރަނގަޅު ކަންތައްތަކަށްވާނަމަ އެކަނި ކަމުގައެވެ.