Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2017 | ހޮނިހިރު 08:39
އިމްތިޔާޒް ފަހުމީ: އޭނާއަށް ވަނީ މަރުގެ އިންޒާރުދީފަ
އިމްތިޔާޒް ފަހުމީ: އޭނާއަށް ވަނީ މަރުގެ އިންޒާރުދީފަ
މުހައްމަދު ޝަރުހާން
މަރުގެ އިންޒާރު
ވަޅި ހަރައި މަރާލާނެ ކަމަށް ބުނެ މެމްބަރު އިމްތިޔާޒަށް އިންޒާރުދީފި
މަރުގެ އިންޒާރުދީފައިވަނީ ވައިބަރ މެދުވެރިކޮށް
އިމްތިޔާޒްގެ ސަލާމަތިކަންކަން ބަލަހައްޓަމުންނެއް ނުގެންދޭ
މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ

ވަޅިހަރައި މަރާލާނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔަޒް ފަހުމީއަށް މަރުގެ އިންޒާރުދީފި އެވެ.

 

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުކަންވެސް ކުރައްވާ އިމްތިޔަޒް ފަހުމީއަށް ވައިބަރ މެދުވެރިކޮށް، ނުދަންނަ ނަމްބަރަކުން ފޮނުވާފައިވާ މެސެޖުގައި ބުނެފައިވަނީ "ކަލޭ ވަޅި ހަރައި މަރާލާނެ" ކަމަށެވެ. އޭގެއިތުރުން އެއްވެސް އެއްޗެއް ބުނެފަ އެއް ނުވެއެވެ.

 

 

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފުރިހަމަ ރައްކާތެރިކަމާއި، ހިމާޔަތް ފޯރުކޮށްދޭންޖެހޭނެކަމަށް ޤާނޫނުތަކުގައި ފުލުހުންނާއި، ސިފައިންގެ މައްޗަށް ލާޒިމްކޮށްފައިވާއިރު، މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިންއިރު، އޭނާއަށް ރައްކާތެރިކަން ފޯރުކޮށްދެމުންދާކަމެއް ކަށަވަރެއް ނުވެއެވެ. އެނގިފައިވާގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސަލާމަތީކަންކަން ވަކިވަކިން އެމްއެންޑީއެފުން މިހާރު ބަލަހައްޓަމުންނެއް ނުގެންދެއެވެ.

 

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންނަށް މީގެކުރިންވެސް ވަނީ މަރުގެ ގިނަ އިންޒާރުތަކެއްދީފަ އެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއް ތަހުޤީޤްކޮށްފައިވާކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

 

އިމްތިޔަޒް ފަހުމީއަށް މަރުގެ އިންޒާރުދިންއިރު، އޭނާއަކީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންގެންދަވާ ބޭފުޅެކެވެ.  އިމްތިޔާޒަށް މަރުގެ އިންޒާރުދިނުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، އިމްތިޔާޒް ފަހުމީއަށް ވަގުތުން ވަގުތަށް ސަލާމަތިކަންކަން ހަމަޖައްސައިދީ، އިންޒާރުގެ މައްސަލަ ތަހުޤީޤްކުރުމަށް ދައުލަތުގެ އިދާރާތަކަށް ގޮވާލާ ކަމަށެވެ. އެ ގޮވާލުން ވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒްވެސް ތަކުރާރުކުރައްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް