ރާއްޖޭގެ ޝަރުއީ ކޯޓުތަކުގެ އަޑުއެހުންތަކަށާއި ޝަރުއީ ދާއިރާއިން އިންތިޒާމު ކުރާ އެއްވެސް ހަރަކާތެއް ކަވަރުކުރުމުގެ ފުރުސަތު ރާއްޖެޓީވީއަށް ނުދީ އޮންނަތާ ފަސް މަސް ދުވަހަށްފަހު، އަލުން އެ ފުރުސަތު ރާއްޖެޓީވީއަށް ދިނުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިއެވެ.
ކޯޓުތަކުގެ އަޑުއެހުންތަކަށާއި ޝަރުއީ ދާއިރާގެ އެއްވެސް ހަރަކާތެއް ކަވަރު ކުރުމުގެ ފުރުސަތު ރާއްޖެޓީވީއަށް ނުދިނުމަށް ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ދެއްކި ވާހައަކާ ގުޅިގެން ކަމަށް ބުނެ، ރާއްޖެޓީވީއާމެދު އެ ފިޔަވަޅު އެޅީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިގެން ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުންޏެވެ.
ޝަރޫއީ ކޯޓުތަކުގައި ހިނގާ މައްސަލަތައް ކަވަރުކުރުމަށާއި އެ ދާއިރާގެ ހަރަކާތްތައް ކަވަރުކުރުމުގެ ހުއްދަ ދިނުމަށް އެދި ރާއްޖެ ޓީވީން ދެ ސިޓީއެއް ފޮނުވާފައިވެ އެވެ.
ޑީޖޭއޭގެ ސިޓީގައި ބުނެފައިވާ ގޮތުން ރާއްޖެ ޓީވީއާމެދު އަޅާފައި އޮތް ފިޔަވަޅު ނިމުމަކަށް ގެނައުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނިންމީ ރާއްޖެ ޓީވީގެ ސިޓީތަކުގައިވާ ނުކުތާތަކަށް ރިޔާއަތްކޮށް ކަމަށެވެ.
"...ޝަރުއީ ދާއިރާއިން އިމްތިޒާމު ކުރާ އެއްވެސް ހަރަކާތެއް ކަވަރު ކުރުމުގެ ފުރުސަތު ރާއްޖެޓީވިއަށް ނުދިނުމަށް ނިންމާފައި އޮތްގޮތުން 2019 އޭޕްރީލް 18ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެނައުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާތީއެ ވާހަކަ ދެންނެވީމެވެ،" ރާއްޖެޓީވީގެ އެކްޓިން ސީއީއޯ ނާޒްމީ ސައީދަށް އެޑްރެސްކޮށް، ނަޒީރު ފޮނުއްވެވި ސިޓީގައިވެ އެވެ.