ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ އެ ޤައުމުގެ ކްރިކެޓް ބޯޑްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި، އެ ދަތުރުފުޅުގެ ޚަރަދުތައްވެސް ބަލަހައްޓާނީ އެ ޤައުމުން ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ކްރިކެޓް މެޗް ބައްލަވާލެއްވުމަށް ރައީސް ސޯލިހް އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ އެ ޤައުމުގެ ކްރިކެޓް ބޯޑްގެ ރަސްމީ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި އެ ދަތުރުފުޅުގެ ޚަރަދުތައްވެސް ކުރުމަށް ހަމަޖެހިފައިވަނީ އެ ޤައުމުން ކަމަށް ހޫދު ވިދާޅުވިއެވެ.
އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ސޯލިހް ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހު ހެނދުނެވެ. ރައީސް ސޯލިހްގެ އަރިހުގައި، މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި، ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްވެސް އެ ޤައުމަށް ވަޑައިގަންނަވާނެއެވެ.
ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ސޯލިހް، އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުއެވެ.
ހޫދު ވިދާޅުވީ، ރައީސް ސޯލިހްގެ މި ދަތުރުފުޅުގައި ރަސްމީ ބައްދަލުވުންތަކެއް ކުރިއަށްގެންދެވުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު އިންޑިއާގައި ދިރިއުޅުއްވާ ދިވެހިންނާއި ބައްދަލުކުރައްވާނެކަމަށް ހޫދު ވިދާޅުވިއެވެ.
އިންޑިއާގެ ކްރިކެޓް ބޯޑްގެ ދައުވަތަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ސޯލިހް ބައްލަވާލެއްވުމަށް ހަމަޖިފައިވަނީ އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ގައި ރޯޔަލް ޗެލެންޖަރސް ބެންގަލޯރ އާއި ޗެންނާއީ ސުޕަރ ކިންގްސް ބައްދަލުކުރާ މެޗެވެ. އެ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އާދިއްތަ ދުވަހުގެ ރޭ އިންޑިއާ ގަޑިން 8:00 ގައި ބެންގަލޫރުގައެވެ.
އިންޑިއާގެ ކްރިކެޓް ބޯޑްގެ ދައުވަތަކަށް ރައީސް ސޯލިހް، އެ ޤައުމަށް ދަތުރުފުޅެއް ކުރައްވާއިރު، ކްރިކެޓް ދަނޑެއް އަޅައިދިނުމަށް ދިވެހި ސަރުކާރުން ވަނީ އިންޑިއާ ސަރުކާރުގައި އެދިފައެވެ. އަދި އެކަމުގެ މަޝްވަރާތައް މިހާރު ދެ ޤައުމުން ދަނި ކުރަމުންނެވެ.