ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާދިއްތަ ދުވަހު އިންޑިއާއަށް ވަޑައިގަތުމަށް ހަމެޖިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.
ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދު ވިދާޅުވީ ރައީސް ސޯލިހް އިންޑިއާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅަކީ އިންޑިއާގައި ކުޅެވޭ ކްރިކެޓް މެޗެއް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެއީ އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ގައި ބެންގަލޫރާއި، ޗެންއާއީ ބައްދަލުކުރާ މެޗެއެވެ.
އެ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އާދިއްތަ ދުވަހުގެ ރޭ އިންޑިއާ ގަޑިން 8:00 ގައި ބެންގަލޫރުގައެވެ.
ހޫދު ވިދާޅުވީ ރައީސްގެ މި ދަތުރުފުޅުގައި އިންޑިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ރަސްމީ ބައްދަލުވުންތަކެއް އެ ދަތުރުފުޅުގައި ކުރިއަށް ގެންދެވުމަށް ހަމަޖެހިފައި ނުވާކަމަށް ހޫދު ވިދާޅުވިއެވެ.
ރައީސްގެ އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ޤައުމަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހުއެވެ.
ރައީސާއެކު، ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ.