ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަަކަށް ވިއްސާރަ ކުރާނެ ކަމަށް މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް (މެޓް އޮފީހުން) ލަފާކޮށްފިއެވެ.
މެޓް އޮފީހުގެ ޑިއުޓީ ފޯކާސްޓަރ ހަދީޖާ ނުސްރާ "ރާއްޖެއެމްވީ"އަށް ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށާއި ނަމަވެސް ހޯމަ ދުވަހު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެނީ ރާއްޖޭގެ ދެކުނަށް ކަމަށެވެ. އެގޮތުން ލ. އަތޮޅުން ފެށިގެން ހުވަދު އަތޮޅާއި ފުވައްމުލަކާއި އައްޑޫސިޓީއަށް ހޯމަ ދުވަހުގެ ނިޔަލަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް އެކަށިގެންވާ ކަމަށް ނުސްރާ ވިދާޅުވިއެވެ.
ހޮނިހިރު ދުވަހުގެ ހެނދުނުން ފެށިގެން އާދީއްތަ ދުވަހުގެ ހެނދުނަށް ލަފާކޮށްފައިވާ ރާއްޖޭގެ މޫސުން ދައްކާ ގޮތުން ދެކުނުގެ އަތޮޅުތަކަށް ހުނޅަގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު ހަތް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ.
މެޓް އޮފީހުން އިލްތިމާސްކޮށްފައި ވަނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، އާއްމުކޮށް ހުރިހާ ފަރާތްތަކުން، ޙާއްސަކޮށް ކަނޑު ދަތުރު ފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުންޏެވެ.