މިސަރުކާރުގައި އެއްވެސް ކަމެއް ރައްޔިތުން ހިތްހަމަ ނުޖެހޭ ގޮތަށް ނުވަތަ އެއްވެސް މީހެއްގެ ހައްގަކަށް އުނިކަން އަންނާނެ ގޮތަށް ކަންތައްތައް ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު އިސްލާމިކް މިނިސްޓްރީގައި ''ދަރުމަކަމާކެމި'' އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ އަބަދު ވެސް މަސައްކަތްކުރަނީ ރައްޔިތުންނާ ގާތުން އެރައްޔިތުންގެ މަޝްވަރާގެ މަތިން ކަންތައްތައް ކުރުމަށް ކަމަށެވެ. އަދި މިސަރުކާރުގައި އެއްވެސް ރައްޔިތެއްގެ ހައްގަކަށް އުނިކަން އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ފައިސަލް ވިދާޅުވީ މިނިސްޓްރީ ބެލުމުގެ ދަށުން ކުރާ ކޮންމެ ކަމަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބެންޖެހޭ ކަމަކަށްވާންޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތައް ހިމެނޭ ކޮންމެ ކަމެއްގައި ވެސް ދެފުށްފެންނަ ގޮތަށް މަސައްކަތް ކުރަންޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.
''ރައްޔިތުންނަށް ޔަގީންކަން އަރުވަން ބޭނުންވަނީ މިސަރުކާރުގައި އެއްވެސް ކަމެއް ރައްޔިތުން ހިތްހަމަ ނުޖެހޭ ގޮތަށް އެއްވެސް މީހެއްގެ ހައްގަކަށް އުނިކަން އަންނާނެ ގޮތަށް މެދުވެރިނުވާނޭ. ﷲ އިރާދަކުރެއްވިއްޔާ ހައްޖުކޯޓާ ކަންތައްތަކާއި އަދި ޒަކާތު ފަންޑުގެ އެންމެ ހެޔޮ ބޭނުން އެއީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ބޭނުންކުރެވިދާނޭ.'' ފައިސަލް ވިދާޅުވިއެވެ.
މާލެއާ އަތޮޅު ތެރޭގައި ގިނަ މިސްކިތްތައް ބިނާކުރާކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އެންމެންގެ އެއްބާރުލުމާއެކު މިސްކިތްތަކުގެ ކަންކަން ހައްލުކުރެވޭނެ ކަމަށެވެ. އެގޮތުން މިސްކިތްތަކަށް ހޭދަކުރުމަކީ ހުރިހާ ގޮތަކަށް ފައިދާ ކުރާނެ ކަމެއްކަން ފައިސަލް ފާހަގަކުރެއްވިއެވެ.
ފައިސަލް ވިދާޅުވީ ރާއްޖެއަކީ ޒަމާނުއްސުރެ އިސްލާމްދީނުގެ ކަންކަމަށް ޚާއްސަ ސަމާލުކަމެއްދީގެ މަސައްކަތް ކުރާ ގައުމެއް ކަމަށާއި، އެކުވެރިކަމާއި، އެއެއްބައިވަންތަކަންމަތީ އެރީތި އަހުލާގު އަބަދު ވެސް ދަމަހައްޓަންޖެހޭ ކަމަށެވެ. އަދި ޅަދަރިންނަށް މިފަދަ ރީތި ނަމޫނާ ދައްކައިދޭންޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.