މިނިވަން ނޫސްވެރިކަމަކަށް ބްރޯޑް ކޮމްގެ ހުރިހާ މެންބަރުން މަގާމުން ވަކި ކުރަންޖެހޭ ކަމަށް ކުރިއަށް އޮތް 19 ވަނަ މަޖިލީހުގެ އެމްޑީޕީ ޓިކެޓްގައި ގަމު ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައިވާ މުހަމަދު ވިސާމް ވިދާޅުވެއްޖެއެވެ
ގައުމުތަކުގެ މެދުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ މިންވަރު ވަޒަންކޮށް ނެރޭ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް "ގައި ދިވެހިރާއްޖެ 22 ދަރަޖަ ކުރިޔަށް ޖެހިލާފައި ވާތީ އެކަމަށް އިޝާރަތް ކުރައްވައި ހުކުރު ދުވަހުގެ ރޭ ވިސާމް ކުރައްވާފައިވާ ޓްވީޓެއްގައި ބުނީ 2013 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޕްރެސް ފްރީޑަމް އިންޑެކްސްގައި 22 ދަރަޖަ ކުރިއަށް ޖެހިލުމަކީ ލިބިގެންދިޔަ ވަރަށްބޮޑު އުފަލެއް ކަމަށެވެ.
ނަވެސް މިފަދަ ކުރިއެރުމަކަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ބްރޯޑްކޮމް ކަން ފާހަގަ ކުރައްވާ މިނިވަން ނޫސްވެރި ކަމަކަށް އެކޮމިޝަނުގެ ހުރިހާ މެންބަރުން މަގާމުން ވަކި ކުރަންޖެހޭ ކަމަށް ޓްވީޓްގައި ވެއެވެ.
ރާއްޖެ ޓީވީގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ވިސާމް ( ސަމްފަތު) އަކީ ރާއްޖެ ޓީވީގައި މަސައްކަތް ކުރެއްވި ދުވަސްވަރުގައި ވެސް ނޫސްވެރިންގެ ހައްގުގައި ވަކާލާތުކޮށް ނޫސްވެރިކަމުގެ މިނިވަން ކަން ދިފާއު ކުރުމުގައި ޚާއްސަކޮށް ރައީސް ޔާމީނުގެ ވެރިކަމުގައި ނިގުޅައިގެންފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ހޯދުމަށްޓަކައި މަސައްކަތްތަކެއް ކޮށްފައިވާ ފަރާތެކެވެ.
180 ގައުމެއް ހިމަނާފައިވާ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް މިއަހަރު ރާއްޖެ 98 ވަނައިގައި އޮތް އިރު މީ ސާކުގެ ގައުމުތަކަށް ބަލާއިރު 2 ވަނައެވެ.
2018 ވަނަ އަހަރު 120 ވަނާގައި ރާއްޖެ އޮތް އިރު 2017 ވަނަ އަހަރު އޮތީ 117ވަނައިގައެވެ.
2013 ވަނަ އަހަރު ޔާމީން ވެރިކަމާއި ހާވާލުވެވަޑައިގެންނެވި އިރު ރާއްޖެ އޮތީ ލިސްޓުގެ 103 ވަނައިގައެވެ. އަދި ރައިސް ޔާމީންގެ ދައުރުގައި ރާއްޖެ ލިސްޓުގައި އަހަރުން އަހަރަށް ދަށްވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުން ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް ފާސްކޮށް އެމަނިކުފާނުން ތަސްދީގު ކުރައްވާފައިވާ އަބުރާ ބެހުމުގެ ޤާނޫނު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ 47 މެމްބަރުންގެ ވޯޓާއެކު މަޖިލީހުން ފާސްކުރީ 2016 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 9 ވަނަ ދުވަހުއެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު މަޖިލީހުގެ 38 މެމްބަރުންގެ އަޢުލަބިއްޔަތުން އެބިލް ވަނީ އުވާލައިފަ އެވެ.
މީގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގައި ގާއިމް ކޮށްދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދު ފުޅެކެވެ