127 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ޝަރަފުގެ ހިނގާލުން މާލެ ސިޓީގައި ބާއްވައިފިއެވެ.
މި ހިނގާލުން ފަށާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 04:00 ޖެހިއިރުއެވެ. މި ޝަރަފުގެ ހިނގާލުން މުލިއާގެ ކުރިމައްޗަށް މަޑުކޮށްފައިވާއިރު މި ހިނގާލުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއާ އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދީދީ ވަނީ ބައްލަވާލައްވާފައެވެ.
127 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖެއެމްވީއަށް ދެއްވި ހާއްސަ އިންޓަވިއުގައި ޑިފެންސް މިނިސްޓަރު ވިދާޅުވީ ސިފައިންނަކީ ރައްޔިތުންނާއެކީގައި ރައްޔިތުންގެ ބައެއްގެ ގޮތުގައި މިހާރު ފެންނަމުންދާ ކަމަށާއި ރައްޔިތުން މިހާރު ސިފައިން ބަލައިގަންނަ ކަމަށެވެ.
މި ޝަރަފުގެ ހިނގާލުން ކުރިއަށް ގެންގޮސްފައި ވަނީ ބަންޑާރަކޮށިން ނިކުމެ އަމީރު އަޙްމަދު މަގުން ހުޅަނގަށް ގޮސް، ޗާންދަނީ މަގުން ދެކުނަށް ގޮސް، މެދު ޒިޔާރަތް މަގުން އިރަށް ގޮސް، ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން އުތުރަށް ގޮސް، ބޮޑުތަކުރުފާނު މަގުން އިރަށް ގޮސް، މަޖީދީ މަގުން ހުޅަނގަށް ގޮސް، ބޮޑުތަކުރުފާނު މަގުގެ ދެކުނަށް އަޅައި އަމީނީ މަގުން އިރަށް ގޮސް، އިއްޒުއްދީން މަގުން ދެކުނަށް ގޮސް، ކަޅުތުއްކަލާ ކޮށްޓާއި ހަމައަށެވެ.
ޝަރަފުގެ ހިނގާލުމުގައި އަށް ގެމަ ބައިވެރިވެފައިވާއިރު ޝަރަފުގެ ހިނގާލުމުގެ ލަޝްކަރުގެ ފޯރމޭޝަންގައި، އެމްއެންޑީއެފް ކޯސްޓްގާޑް، މެރިންކޯ، ޑްރިލް ޓީމް، އެމްއެންޑީއެފް ބްރާސް ބޭންޑް، ސަޕޯރޓް ސަރވިސް، ސްޕެޝަލް ފޯސެސް އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ހިނގާލުމުގައި އަންހެން ސިފައިންނަށް ހާއްސަ ގެމައެއް ވެސް ވަނީ ހިމަނާފައެވެ.
ހިނގާލުމުގެ ތެރެއިން ސިފައިންގޭގައި މިހާރު ބޭނުންކުރާ ފަޔަރ ވެހިކަލްތަކާއި ސްޕެޝަލް ފޯސަސްގައި ބޭނުންކުރާ ބައެއް އުޅަނދުތައް ވަނީ ދައްކާލާފައެވެ. އަދި ސިފައިން ބޭންޑްގެ ސިފައިންގެ ބޭންޑުގައި ރީތި އެކި ރާގުތައް ވަނީ ކުޅެފައެވެ.
މި ހިނގާލުން ބަލާލުމަށްޓަކައި ގިނަ އަދަދެއްގެ އާންމުން ސިފައިން ހުއްޓާ ސަރަހައްދުތަކަށް ޖަމާވެފައިވާއިރު ގިނަ އަދަދެއްގެ އާންމުން ވަނީ މުލިއާގެ ސަރަހައްދަށް ވެސް ޖަމާވެފައެވެ. އަދި ރައީސް ސޯލިހް ވަނީ އެ ސަރަހައްދަށް ޖަމާވެފައިވާ އާންމުންނާއެކު ފޮޓޯ ނަންގަވާފައެވެ.