"ޖަޒީރާ ރާއްޖެ" މެނިފެސްޓޯ އާއި އެޖެންޑާ19 ގައިވާ ކަންކަން ތަންފީޒު ކުރުމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ވަޒީރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭފުޅުން ހިމެނޭ ގޮތަށް އެމްޑީޕީން ފަސް ކޮމެޓީއެއް އުފައްދައިފިއެވެ.
އެމްޑީޕީން ހުކުރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެމްޑީޕީން ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައި ވަނީ ޖަޒީރާ ރާއްޖެ މެނިފެސްޓޯގައިވާ ކަންކަން ފުއްދުމަށް ކަމަށެވެ. އެ ވައުދުތައް ފުއްދުމަށް އެކުލަވާލާފައިވާ ގާނޫނީ އޮނިގަނޑު، ނުވަތަ އެޖެންޑާ19 ގައިވާ ކަންކަން ތަންފީޒުކުރުމަށް ސަރުކާރާއި އެމްޑީޕީގެ މަޖިލިސް މެންބަރުން އެއް ވިސްނުމެއްގައި މަސައްކަތް ކުރުމަށް ފަސް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.
ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ހިމެނޭ މައިގަނޑު ފަސް ދާއިރާތަކަށް ކޮމެޓީ އުފައްދާފައިވާ ކަމަށް ފާހަގަކޮށް، ބަޔާނުގައި ބުނެފައި ވަނީ އިންޞާފު، އޯގާތެރި ސަރުކާރު، ފަޚުރުވެރި ޢާއިލާ، ޖަޒީރާ ދިރިއުޅުން އަދި ނޫ އިޤްޠިޞާދުގެ މައްޗަށް އެކުލެވޭ ފަސް ކޮމެޓީއެއް އުފައްދާފައިވާ ކަމަށެވެ.
އެ ކޮމިޓީތަކުގެ މައިގަނޑު މަސައްކަތަކީ، މި ފަސް ދާއިރާއިން ވެފައިވާ ވައުދުތައް ފުއްދުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ފުރިހަމަ ކުރުމާއި ވައުދުތައް ފުއްދުމަށް ސަރުކާރުން ހިންގާންޖެހޭ މަޝްރޫޢުތައް ދެނެގަނެ އެމަޝްރޫޢުތައް ހިންގާނޭ އުޞޫލު ދެނެގަތުން ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އެމްޑީޕީން އުފެއްދި ފަސް ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވަނީ، ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭފުޅުންގެ އިތުރުން ފަންނީ މާހިރުންނެވެ.
އެޖެންޑާ19ގައިވާ ކަންކަން ތަންފީޒު ކުރުމަށް އެމްޑީޕީން ކޮމެޓީ އުފައްދާފައި ވަނީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި 65 މެމްބަރުންގެ މައްޗަށެވެ. އާ މަޖިލީހުގެ ސާފު އަގުލަބިއްޔަތު އެމްޑީޕީއަށް ލިބިފައިވާއިރު، ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އެ ޕާޓީއަށް މަދުވަނީ އެންމެ މެމްބަރެކެވެ.
ގާނޫނުއަސާސީގައި ބުނެފައި ވަނީ އެ ގާނޫނުއަސާއަސާސީއަށް ބަދަލެއް ގެނެވޭނީ، މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ ތިން ބައި އަގުލަބިއްޔަތު ލިބިގެން ކަމަށެވެ. އާ މަޖިލީހުގެ 87 މެމްބަރުންގެ ހަތަރުބައިކޮޅަ ތިން ބައި އަގުލަބިއްޔަތަކީ 66 މެމްބަރުންނެވެ.