ޕެރަމެޑިކް އެމްބިއުލެންސް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި މާލެ ސަރަހައްދަށް ގެނެވި ބޭނުން ކުރެވޭނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ގައުމީ ރޯޑް ސޭފްޓީ އެކްޝަން ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ ރައީސް ސޯލިހު ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގައި ހިމެނޭ ޑްރައިވަރުންނަށް އަމާޒުކޮށްގެން ފަސްޓް އެއިޑް ތަމްރީން ޕްރޮގްރާމްތަކެއް ވަނީ ކުރިއަށް ގެންދެވިފައިވާ ކަމަށެވެ. އަދި އަތޮޅު ތެރޭގައި ހޮސްޕިޓަލްތަކަށް ބޭނުންވާނެ އެމްބިއުލެންސް ފޯރުކޮށްދިނުމާއި އެމްބިއުލެންސް ޚިދުމަތް ފޯރުކޮށްދިނުމަށް ނޭޝަނަލް ކޯލް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.
އެގޮތުން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މާލޭ ސަރަހައްދުގައި ބޭނުންވާ ޕެރަމެޑިކް އެމްބިއުލެންސްތައް ގެނެވި އަދި ފަސްޓް ރެސްޕޮންޑަށް މީހުންނަށް ބޭނުންވާ ތަމްރީންތައް ދެވި މާލޭއާ ހުޅުމާލޭގެ ސަރަހައްދަށް ބޭނުންވާ ސައިކަލުތައް ތައާރަފް ކުރެވި އެޚިދުމަތް ފެށިގެންދާނެ ކަމަށެވެ.
''މިކަމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި އެމަޖެންސީ ހާލަތްތަކުގަ ރައްޔިތުންނަށް މިހާރު ދިމާވާ ދަތިތަކަށް ހައްލު ލިބެގެންދާނެ. ނޭޝަނަލް އެމްބިއުލެންސްގެ ޚިދުމަތް ތައާރަފްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވަރަށް މުހިންމު މަރުހަލާ މިހާރު ވަނީ ނިމިފައި.'' މިނިސްޓަރު އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރުގަދަކޮށް ރާއްޖެއަށް އެތެރެ ކުރެވޭ އުޅަނދުތައް ރައްކާތެރި މިންގަނޑުތަކަށް ފެތޭ އެއްޗެހިތޯ ކަށަވަރުކުރުމާއި، ހެދިފައިވާ ގަވާއިދުތައް ތަންފީޒު ކުރުންފަދަ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަންޖެހިފައިވާ ކަމަށެވެ.
ދުނިޔޭގެ އެންމެ ގިނައިން މީހުން މަރުވާ ދިމާވާ ސަބަބުންތަކުގެ ތެރެއިން 8 ވަނަ ސަބަބުކަމުގެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވަނީ މަގުމަތީގެ ނުރައްކާތެރި ހަދިސާތައްކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ ތަރައްގީވަމުން އަންނަ ކުޑަކުޑަ ރާއްޖޭގައި ވެސް ތާރުއެޅި މަގުތައް ހެދި ހައިވޭތައް ގިނަވުމުގެ ނަތީޖާއެއް ގޮތުން މަގުމަތީގައި ހިނގާ ހާދިސާތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ. އެތައް ބަޔަކަށް އަނިޔާ ލިބި، ފުރާނަ ގެއްލިގެން ގޮސްފައިވާ ކަމަށެވެ.
''އެހެނީ އެވްރެޖްކޮށް ކޮންމެ އަހަރެއްގެ މައްޗަށް ރާއްޖޭގެ މަގުތަކުގަ ހިނގާ ހާދިސާތަކުގެ ސަބަބުން ނުވަ މީހުންގެ ފުރާނަ ގެއްލިގެންދާކަން އަދި ލިބޭ އަނިޔާގެ ސަބަބުން ވޭން ތަހައްމަލް ކުރަންޖެހޭ އެއްތައް ބަޔަކު ދިރިއުޅެމުންދާކަން އަޅުގަނޑުމެންނަށް އެނގޭ. ރައްކާތެރިވެވެން އޮތް ކަމަކުން އެންމެ ފުރާނައެއް ވެސް ގެއްލިގެން ދިއުމަކީ އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ބޭފުޅަކު ގަބޫލުކުރާނެ ކަމެއް ނޫން.'' މިނިސްޓަރު އަމީން ވިދާޅުވިއެވެ.
ގައުމީ ރޯޑް ސޭފްޓީ އެކްޝަން ޕްލޭންއަށް އަލިއަޅުއްވާ ލައްވާ މިނިސްޓަރު ވިދާޅުވީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިއީ އެޅިގެން މިދިޔައީ ވަރަށް ވެސް މުހިންމު ފިޔަވަޅެއް ކަމަށްށެވެ.