ދަށު ކޯޓްތަކުގައި ހިނގަމުންދާ ޝަރީއަތްތަކާއި ގުޅޭ ބަންދާމެދު ގޮތް ނިންމުމުން އިސްތިއުނާފް ކުރުމުގެ ނިޒާމަށް ހުރަސް އެޅޭކަމަށް ހައިކޯޓުން ބުނެފިއެވެ.
ހައި ކޯޓުން މިގޮތަށް ބުނީ، މާރާމާރީ މައްސަލައެއްގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ދައުވާކޮށްފައިވާ މީހަކު ކުރިމިނަލް ކޯޓުން ބަންދުން ދޫކޮށްލުމުން، އެ އަމުރު ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން ބުރާސްފަތި ދުވަހު އިއްވި ހުކުމެއްގައެވެ.
"އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް" ކަމަށް ބުނެ ބަންދުން ވީއްލާފއިވާ އެމީހާ ހުރީ ޝަރީއަތް ނިމެންދެން، ކުރިމިނަލް ކޯޓުގެ އެހެން އަމުރެއްގެ ދަށުން ބަންދުކޮށްފަ އެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ޝަރީއަތް މިހާރު ވެސް ކުރިމިނަލް ކޯޓުގައި ކުރިއަށް އެބަ ދެއެވެ.
ހައިކޯޓުން ބުރާސްފަތި ދުވަހު ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ ތަހުގީގު މަރުހަލާގައިވާ މައްސަލަތަކާ ހިލާފަށް ދަށު ކޯޓަށް ހުށަހެޅި ހިނގަމުންދާ ޝަރީއަތްތަކުގައި އިސްތިސްނާއީ ހާލަތެއްގައި މެނުވީ ހައިކޯޓުން ބަންދުގެ މުއްދަތު ޖެހުމަކީ އެ މައްސަލައެއްގެ މައުޟޫއުއާ މެދު ދަށު ކޯޓުން ނިންމާ ނިންމުން އިސްތިއުނާފު ކުރުމުގެ ކުރިން އެ މައްސަލައިގެ މައުޟޫއުގެ ތެރެއަށް ހައިކޯޓަށް ވަދެވޭ ވަދުވުމެއް ކަމަށެވެ.
އެހެންވެ، އިސްތިސްނާއީ ހާލަތެއްގައި މެނުވީ ދަށު ކޯޓުގައި ހިނގަމުންދާ ޝަރީއަތްތަކާ ގުޅިގެން ހައިކޯޓުން ބަންދުގެ މުއްދަތު ޖެހުމަކީ އިސްތިއުނާފު ކުރުމުގެ ހައްގަށް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް އެ ހުކުމްގައި ވަނީ ކަނޑައަޅާފައެވެ.
ހުކުމް ކުރި މައްސަލާގައި އެމީހާ ބަންދުގައި ބަހައްޓަން ނުޖެހޭ ކަމަށް ކަނޑައެޅި ސަބަބު އަމުރުގައި ބަޔާންކޮށްފައެއް ނެތެވެ.
ހިނގަމުންދާ ޝަރީއަތްތަކާ ގުޅިގެން ބަންދާމެދު ދަށު ކޯޓުން ނިންމާ ނިންމުންތައް ހައިކޯޓުން ބާތިލްކޮށް، އެ މައްސަލަ ބަލަން ޖެހޭ ގާނޫނީ އުސޫލުތައް ބަޔާން ކޮށްދިނުމުން އެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް އެ މައްސަލައެއްގެ ބަންދާމެދު ގޮތެއް ނިންމަން ޖެހެނީ ދަށު ކޯޓުން ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.
މި ހުކުމް އިއްވަވާފައިވަނީ ފަނޑިޔާރު އަލީ ސަމީރު, ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހުސެއިން ޝަހީދެވެ.