ދިވެހި ތަރިކަ ރައްކާތެރި ކުރުމުން އިގުތިސާދީ އަދި މާލީ ގޮތުން އެތައް މަންފާއެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ޔުމްނާ ވިދާޅުވީ ފަތުރުވެރިން އެއް ގައުމުން އަނެއް ގައުމަށް ޒިޔާރަތްކުރާއިރު، އެމީހުންގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ޒިޔާރަތްކުރާ ގައުމުގައި ހުރި އާސާރީ ތަންތަނާއި ތަކެތި އަދި އާދަކާދަ ތަޖުރިބާކޮށް މަޢުލޫމާތު ހޯދުން ކަމަށެވެ.
''އަޅުގަނޑުމެންގެ ތަރިކައަކީ އަޅުގަނޑުމެންގެ ފަޚުރަކަށް ވުމާއެކު، މި ދާއިރާއިން އިޤުތިޞާދީ ފައިދާތަކެއްވެސް ލިބޭނެކަމީ އަޅުގަނޑު ޔަގީންކުރާ ކަމެއް. އަދި ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓިއްޖެނަމަ، ފަތުރުވެރިކަމުގެ ދާއިރާ މެދުވެރިކޮށް މިކަމަކީ މާލީ އެތައް މަންފާއެއް ލިބޭނެ ކަމެއް. ދިވެހިރާއްޖޭގެ އިޤުތިޞާދަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމެއް،'' ޔުމްނާ ވިދާޅުވިއެވެ.
ތަރިކަ ރައްކާތެރިކުރަން ޖެހެނީ ދިވެހިންނަކީ ކޮންބައެއް ކަމާއި، ކިހިނެއް އުޅުނު ބައެއްކަން ހާމަކޮށްދޭތީ ކަމަށާއި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ހިފެހެއްޓުމަށްޓަކައި ވެސް ސަގާފީ ތަރިކަ ރައްކާތެރިކުރުން މުހިންމުކަން މިނިސްޓަރުގެ ހިތާބުގައި ވަނީ ފާހަގަކުރައްވާފައެވެ.
ޔުމްނާ ވިދާޅުވީ، ކާބަފައިން އަމާނާތްތެރިވީ ފަދައިން މިއަދުގެ ޖީލުން މި އަގުހުރި ތަރިކަތަކަށް އަމާނާތްތެރިވާން އެބަޖެހޭ ކަމަށާއި ކުރިމަގުގެ ޖީލުތަކަށް ރައްކާތެރިކަމާއެކު ތަރިކަ ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.
ތަރިކަ ރައްކާތެރި ކުރެވޭނީ ޔުމްނާ ވިދާޅުވި ގޮތުގައި އާންމުންގެ ހޭލުންތެރިކަން އިތުރުވެގެންނެވެ. ކުޑަކުދިންނާއި ޒުވާނުން މިކަމަށް ޝައުގުވެރިކުރުވަން ޖެހޭކަމަށާއި ކުދިންގެ ތަޢުލީމީ ބިންގާ އެޅިގެންދާއިރު އެކުދިންނަށް ސަގާފީ ތަރިކަ އެނގެން ޖެހޭކަމަށް ޔުމްނާ ވިދާޅުވި އެވެ.
ދުނިޔޭގެ ތަރިކައިގެ ދުވަސް އަދި ދުނިޔޭގެ ފަންނުވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް މިމަހުގެ 20 ވަނަ ދުވަހު 16:00 ން 18:00 އަށް އަދި 20:00 ން 22:00 އަށް ސަލްޓަން ޕާކުގައި 'ފަންނުގެ ތެރެއިން ތަރިކަ' ނަމުގައި ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖައްސައިފަ އެވެ.