ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުސަތު މަޖިލީހުގައި ހޯދުމަށް ޕާޓީއަކާ ގުޅިގެން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރައްވާނެ ކަމަށް ނަވާރަ ވަނަ މަޖިލީހަށް ވިލިނގިލީ ދާއިރާ އިން އަމިއްލަ ގޮތުން އިންތިހާބުވެވަޑައިގަތް އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
ސައުދު އަކީ މިހާރު ހިނގަމުންދާ 18 ވަނަ މަޖިލީހުގައި ގޮނޑި ގެއްލުނު 12 މެމްބަރުންގެ ތެރެއިން ހަމަ އެކަނި ގޮނޑި ދިފާއު ކުރެއްވި މެމްބަރެވެ. ގޮނޑި ގެއްލުމުގެ ކުރިން ސައުދަކީ ޕީޕީއެމްގެ މެމްބަރެކެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ސައުދު ވަނީ މަޖިލީހުގައި މިނިވަން މެމްބަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާ މެމްބަރުން އުޅުއްވަން ޖެހިވަޑައިގަންނަވާ ހާލު ބަޔާން ކޮށްދެއްވާފައެވެ.
ސައުދު ވިދާޅުވި ގޮތުގައި، މިނިވަން މެމްބަރަކު މަޖިލީހުގައި މަސައްކަތް ކުރައްވާއިރު ޕާޓީތަކަށް ނިސްބަށްވެ ވަޑައިގަންނަވާ މެމްބަރުންނަށް ވުރެ ބަހުސް ގައި ބައިވެރިވުމަށް ލިބޭނީ ކުޑަ ވަގުތުކޮޅެއް ކަމަށާއި، ކޮމެޓީތަކުގައި އެ މެމްބަރަކުގެ ހިއްސާ ކުޑަކަމަށެވެ.
އެފަދަ މެމްބަރަކަށް މަޖިލީހުގައި ކުރެއްވޭނެ މާބޮޑު ކަންތައްތަކެއް ނެތްކަން ފާހަގަކުރައްވާ ސައުދު ވިދާޅުވީ މިނިވަން މެމްބަރުންނަށް ވެސް މަޖިލީހުގައި ރަނގަޅަށް މަސައްކަތް ކުރެވޭނެ ގޮތަށް އުސޫލްތައް ބަދަލު ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.
''ތެދުތެދަށް ބުނަންޏާ މިނިވަން މެމްބަރަކު ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ތެރޭ ހުރެގެން ކުރެވޭނެ މާބޮޑު ކަންތައްތަކެއް ނެތް. އެހެން ނަމަވެސް އިރާދަ ކުރެއްވިއްޔާ އަޅުގަނޑު މަސައްކަތް ކޮށްދޭނަން މިކަން ކަން ބަދަލުކޮށްލެވޭތޯ. އަދި ޕާޓީއަކާ ގުޅެން ޖެހުނަސް އެކަންކަން ކޮށްގެން ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ތެރެއިން ރައްޔިތުންގެ ބަސް ރަނގަޅު ގޮތުގައި އިއްވުމުގެ ފުރުސަތު ހޯދުމުގައި ކުރަން ޖެހޭ ކަންކަން ކުރަން އަޅުގަނޑުމެން މި ތިބީ ތައްޔާރަށް'' ސައުދު ވިދާޅުވިއެވެ.
ނަވާރަ ވަނަ މަޖިލީހުގައި ޑިމޮކްރަސީގެ އަސާސާތުތަކާއި ހިލާފު ކަންތައްތަކެއް ފެނިގެން ނުދާނެ ކަމަށާއި އެ މަޖިލީހުގައި ސަރުކާރުން ހުށައަޅާ ސިޔާސަތުތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ސައުދު ވިދާޅުވި އެވެ. އާ މަޖިލީސް ވެގެންދާނީ ފާއިތުވި 10 އަހަރުގައި ނުކުރެވި ހުރި ކަންތައްތަކެއް ފުރިހަމަ ވެގެންދާނެ މަޖިލީހެއް ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީން ނަވަރާ ވަނަ މަޖިލީހަށް ހުށައަޅާ ''އެޖެންޑާ 19'' އަށް އިޝާރާތް ކުރައްވާ ސައުދު ވިދާޅުވީ އެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ.
ސައުދު ވިދާޅުވީ، ''އެޖެންޑާ 19'' ގައި ހުރީ ރައްޔިތުންނަށް ބޭނުންވާ އިޖްތިމާއީ ރައްކާތެރިކަން ކަމަށާއި، އެއީ ރާއްޖެއަށް ވަރަށް މުހިއްމު ކަންތައްތަކެއް ކަމަށެވެ. ހާއްސަ ކޮށް ވަޒީފާއެއް ހޯދާ މީހަކަށް އުޖޫރައެއް ކަނޑައެޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
''އަންއެމްޕޮލޯއިމެންޓް އެލަވެންސް ކަށަވަރު ކުރުމަކީ ދައުލަތުން އެކަން ކުރަންޏާ ދައުލަތުން މަޖުބޫރު އެބަވޭ ވަޒީފާ ނެތް ކުއްޖާ އަށް ވަޒީފާ ހޯދައިދޭން. މިހެން ހުރި ރަނގަޅު ކަންތައްތަކެއް އެބަހުރި،'' ސައުދު ވިދާޅުވިއެވެ.
ވިލިނގިލި ދާއިރާގެ ގޮނޑި ސައުދު ކާމިޔާބު ކުރައްވާފައިވަނީ ފަސް ކެންޑިޑޭޓުންނާ ވާދަ ކުރައްވައިގެންނެވެ. ސައުދާ އެންމެ ކައިރިން ވާދަ ކުރެއްވީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ކެންޑިޑޭޓް ހާރޫން ރަޝީދެވެ. ސައުދާއި ހާރޫންގެ ވޯޓުގެ ފަރަހު 100 އަށް ވުރެ ބޮޑެވެ.