މިއަހަރު މާރޗް މަހުގެ ނިޔަލަށް ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ފޭރުމުގެ 71 މައްސަލަ ހުށަހެޅިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ.
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ފުލުހުން ބުނެފައިވަނީ އެ މައްސަލަ ތަކުގައި ޖުމްލަ 11 މީހަކު ހައްޔަރު ކުރެވިފައިވާ ކަމަށާއި، އެންމެ ގިނައިން ފޭރުމުގެ މައްސަލަތައް ހުށަހެޅިފައިވަނީ ހަތިޔާރު ބޭނުން ނުކޮށް މަގުމަތިން ސައިކަލްގައި ދަމުން މޯބައިލް ފޯން ފޭރުމުގެ މައްސަލަ ކަމަށެވެ. އެގޮތުން އެފަދަ 43 މައްސަލައެއް މި މުއްދަތުގައި ހުށަހެޅިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ހަތިޔާރު ބޭނުން ނުކޮށް މަގުމަތިން ސައިކަލްގައި ދަމުން ވޮލެޓް ނުވަތަ އަތްދަބަސް ފަދަ ތަކެތި ފޭރުމުގެ މައްސަލަ ކަމަށެވެ.
އެގޮތުން މިފަދަ 8 މައްސަލައެއް މިމުއްދަތުގައި ހުށަހެޅިފައިވާ ކަމަށެވެ. އަދި މިއަހަރު މި މުއްދަތުގެ ތެރޭގައި ހަތަރު މައްސަލައެއް ތަހުގީގު ކުރުމަށްފަހު ދައުވާކޮށްދިނުމަށްއެދި ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ ފޭރުމުގެ މައްސަލަތައް އަންނަކަމަށް ބޮޑަށް ފާހަގަކުރެވިފައިވަނީ ރޭގަނޑުގެ ވަގުތު ތަކުގައި އާޓިފިޝަލް ބީޗްތެރެ ހިމެނޭ ސަރަހައްދާއި، އިންޑަސްޓަރިއަލް ޒޯން ހިމެނޭ ސަރަހައްދާއި، ފަތާ ޓްރެކް ކައިރި އުސްފަސްގަނދު ސަރަހައްދު ކަމަށެވެ.
ވަކިވަކި އަވަށް ތަކަށް ބަލާއިރު އެނެމް ގިނައިން ފޭރުމުގެ މައްސަލަތައް ހުށަހެޅިފައިވަނީ ހެންވޭރުން ކަމަށާއި، މި މުއްދަތުގެ ތެރޭގައި 22 މައްސަލަ ހުށަހެޅިފައި ކަމަށެވެ.
ފޭރުމުގެ ގިނަ މައްސަލަ ތަކަކީ މާބޮޑު ރޭވުންތެރިކަމެއް ނެތި ފުރުސަތު ލިބިގެން ހިންގާފައިވާ ފޭރުންތަކެއް ކަމަށެވެ.