ރޯދަ ހަދިޔާގެ ގޮތުގައި ފ. މަގޫދޫ ގެތަކުގެ އެޕްރީލް މަހުގެ ކަރަންޓް ބިލުގެ 50 އިންސައްތަ ކައުންސިލުން ދޭގޮތައް ފާސްކޮށްފިއެވެ.
މިކަމާއި ގުލޭގޮތުން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަގޫދޫ ކައުންސިލުގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ، ކައުންސިލުން މި ގޮތަށް ނިންމީ ކައުންސިލްގައި ހިމެނޭ ތިން މެންބަރުންގެ އިއްތިފާގުން ކަމަށެވެ.
ވަހީދު ވިދާޅުވީ، ކަރަންޓް ބިލުގެ 50 އިންސައްތަ ދެނީ ރައްޔިތުންގެ މާލިއްޔަތުން ކަމަށާއި، އެއީ ރަމަޟާން މަހާ ދިމާކޮށް ރައްޔިތުމީހާގެ ޖީބައް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.
އިތުރަށް ވަހީދު ވިދާޅުވީ، މަގޫދޫގެ ހުރިހާ ގެތަކެއްގެ އެޕްރީލް މަހުގެ ކަރަންޓް ބިލްގެ ރީޑިން ފެނަކައިން ކައުންސިލަށް ފޮނުވުމުން ކައުންސިލުން ބިލުތަކަށް ވާ ފައިސާ ފެނަކައަށް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުންވެސް ރަމަޟާން މަހައްޓަކައި ކައުންސލުން ރައްޔިތުންނަށް ކޮށްދޭން ފާސްކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ފ. އަތޮޅު ގުރުއާން މުބާރާތުން މަގޫދުއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކަށް ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މުޅި މުބާރާތުން އެއްވަނަޔައްދާ ފަރާތަކަށް ފަހުގެ ލެޕްޓޮޕެއް ދިނުމަށް ހަމަޖެހިފައި ވާއިރު ދެވަނައަށް އަންނަ ފަރާތަކަށް 4،500ރ އަދި ތިންވަނަ އަށް އަންނަ ފަރާތަކަށް 3،500ރ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައި ވާކަމަށެވެ. އަދި އުމުރުފުރާއިން އެއްވަނައަށް އަންނަ ފަރާތަކަށް 3,000ރ ދިނުމަށް ހަމަޖެހިފައި ވާއިރު، ދެވެނައަށް އަންނަ ފަރާތަކަށް 2،500ރ އަދި ތިންވަނައަށް އަންނަ ފަރާތަކަށް 2،000ރ ދިނުމަށް ވަނީ ނިންމާފައެވެ.
ބަންގުލަދޭޝްއިން ހާފިޒުން ގެނެސްގެން ތަރާވީހު ނަމާދު ކުރުމާއި، ދީނި ނަސޭހަތް ދިނުމާއި، މިސްކިތް ފިނިކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށްވެސް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
މަގޫދޫގައި 94 ގޭ ބިސީގައި 867 މީހުން ދިރިއުޅެއެވެ. އަދި ކޮންމެ ގޭ ބިސީއެއްގައި 10 އާއި 15 ދެމެދުގެ އަދަދަކަށް މީހުން އުޅޭއިރު އާންމުގޮތެއްގައި ގޭ ބިސީތަކުގެ ކަރަންޓް ބިލަށް އަރަނީ އާންމު ގޮތެއްގައި 700 ރުފިޔާ އާއި 3000 ރުފިޔާ އާއި ދެމެދުގެ އަދަދެލެވެ.
މަގޫދު ކައުންސިލުގައި ހިމެނެނީ ކައުންސިލުގެ ރައީސް އަބްދުﷲ ވަހީދުގެ އިތުރުން ނައިބުރައީސް އިބްރާހިމް ޒުހޫރާއި މެންބަރު މޫސާ ޖަލީލެވެ. މަގޫދޫ ކައުންސިލަކީ އެމްޑީޕީ މެޖޯރިޓި އޮންނަ ކައުންސިލެއްކަން ފާހަގަކޮށްލެވެއެވެ.