ސިއްހީ ދާއިރާގެ ހިދުމަތްތެރިން އެއް މޭޒަކުން ބައްދަލުކުރުމަކީ ލިބިގެން ދިޔަ ބޮޑު ނަސީބެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ހެލްތު މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ބާއްވާ ސަމިޓުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖޭގައި ހެލްތު މިނިސްޓަރ ކަން ކުރައްވާފައިވާ ބޭފުޅުންގެ އަގުހުރި ތަޖުރިބާއަކީ ގައުމަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.
"އެބޭފުޅުންގެ އަގުހުރި ތަޖުރިބާއަކީ ގައުމުގެ އަގުހުރި ރައުސްމާލު ކަމުގައި އަޅުގަނޑު ގަބޫލުކުރަން." އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ކުރީގެ ހެލްތު މިނިސްޓަރކަން ކުރައްވާފައިވާ ބޭފުޅުންގެ ތަޖުރިބާ ހިއްސާކުރުން އެއީ ސިއްހީ ދާއިރާ ކުރިއެރުވުމަށް ނުހަނު ބޭނުންތެރި ކަމެއްކަމަށެވެ.
ބަނޑޮހުގައި އޮތް ހެލްތު މިނިސްޓަރުކަން ކޮށްފައިވާ އިއްޒަތްތެރިންގެ ސަމިޓުގައި ވަނީ ކުރީގެ 10 މިނިސްޓަރަކު ބައިވެރިވެވަޑައިގެންފައެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ މޫމިނާ ހަލީމާއި، ޑރ. އައިމިނަތު ޖަމީލާއި، މުހައްމަދު މުސްތަފާ ހުސައިނާއި, އަހުމަދު އަބްދުﷲގެ އިތުރުން އަނީސާ އަހުމަދާއި, ޑރ. އަހުމަދު ޖަމްޝީދާއި, ޑރ. މަރިޔަމް ޝަކީލާއާއި, އަހުމަދު ޒުހޫރާއި އިރުތިޝާމް އާދަމްގެ އިތުރުން އަހުމަދު ނާޒިމްއެވެެ.
ރާއްޖޭގައި 18 ބޭފުޅަކު ވަނީ ހެލްތު މިނިސްޓަރުކަން ކުރައްވައިފަ އެވެ. އޭގެ ތެރެއިން 13 ބޭފުޅަކު މިހާރު ވެސް ދުނިޔޭގައި އެބަ ތިއްބެވި އެވެ.
ހެލްތު މިނިސްޓްރީން ބުނީ މިކަހަލަ ސަމިޓެއް ބޭއްވުމުގެ މަގުސަދަކީ މިދާއިރާގެ މިއަދު މިދެކޭ ކުރިމަގު ބައްޓަންކުރުމުގައި 2018 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް އެންމެ އިސްސަފުގައި ޚިދުމަތްކޮށްދެއްވި ފަރާތްތަކުގެ އަގުހުރި މަސައްކަތްތަކާއި އެފަރާތްތަކުން ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމުގައި ހާސިލްވި ކާމިޔާބު ފާހަގަކުރުން ކަމަށެވެ.