މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މަޖިލީހުގެ ރައީސް އަކަށް ފޮނުވާނެ ނަމެއް ނަގަނީ ސިއްރު ވޯޓަކުން ނޫން ކަމަށާއި، ޕާޓީގެ އަސާސީ ޤަވާއިދުގައި ވެސް އެ ގޮތަށް ނޯންނާނެ ކަމަށް އެމްޑީޕީގެ ތަރުޖަމާން އިމްތިޔާޒް ފަހުމީ(އިންތި) ވިދާޅުވެއްޖެއެވެ.
މަޖިލިސްގެ ރައީސް ކަމަށް އެމްޑީޕީން ފޮނުވާނެ ނަމެއް ނަގަން ޖެހޭނީ ސިއްރު ވޯޓަކުން ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނާތީވެ، ރާއްޖެ އެމްވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިންތި ވިދާޅުވީ މަޖިލިސްގެ ރައީސް ކަމަށް އެމްޑީޕީން ފޮނުވާނެ ނަމެއް، މިހައި ތަނަށް ވެސް ނިންމަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. އަދި އެއީ ވަރަށް ހުޅުވާލައިގެން އެ ޕާޓީން އަބަދު ވެސް ކުރަމުން އަންނަ ކަމެއް ކަމަށް އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދުގައި ސިއްރު ވޯޓް ނަގަން އޮންނަނީ ވަކި މަގާމްތަކަށް ކަމަށެވެ. އެ މަގާމްތަކުގެ މިސާލު ޖައްސަވަމުން އިންތި ވިދާޅުވީ އެއީ ޕާޓީގެ ލީޑަރު،ޗެއަރޕާސަން، ފަދަ ޕާޓީގެ ސިޔާސީ މަޤާމްތައް ކަމަށެވެ. މަޖިލީހުގެ ރައީސްއަކަށް ފޮނުވާނެ ނަމެއް ނަގަންޖެހޭނީ ސިއްރުން ކަމަށް ޕާޓީގެ އަސާސީ ގަވާއިދުގައި ނޯންނާނެ ކަމަށް އިންތި ވިދާޅުވިއެވެ.
އަބަދުވެސް އެމްޑީޕީން މަޖިލިސްގެ ރައީސް ކަމަށް ހުށަހަޅާނެ ނަމެއް ނިންމަނީ ،މަޖިލީހުގައި އެ މެމްބަރަކު އަދާކޮށްފައިވާ ރޯލާއި، ތަޖްރިބާ އާއި މަސައްކަތަށް ބެލުމަށް ފަހުގައި ކަމަށް އިންތި ވިދާޅުވިއެވެ. އަދި ދުނިޔޭގެ ތަހުޒީބް ޑިމޮކްރަސީ ތަކުގައިވެސް އަމަލުކުރަމުން އަންނަނީ އެ ގޮތަށް ކަަން އޭނާ ފާހަގަކުރެއްވިއެވެ.
އިންތި ވިދާޅުވީ ޕާޓީން އަބަދުވެސް އަމަލުކުރަމުން އަންނަ "ބެސްޓް ޕްރެކްޓިސް" ބަދަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އަދި ވަކި ކަމެއް ހާސިލްކުރަން ޕާޓީގެ ގަވާއިދު ބަދަލުކުރުން އެއީ ރަނގަޅު ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
އިންތި ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިންގައި އެ ޕާޓީން އެންމެ ހަރުއަޑުން ގޮވަމުން ދިޔައީ މަޖިލިސް ސިއްރުވެރިނުވާނެ ކަމަށާއި، މަޖިލިސް ނަޒާހަތްތެރިވާނެ ކަމަށެވެ. އެހެންކަމުން ޕާޓީން އެ ކަމުގައި އަޅާ އެންމެ ފުރަތަމަ ފިޔަވަޅަކީ މަޖިލިސްގެ ރައީސް ކަމަށް ޕާޓީން ހުށަހަޅާނެ ނަމެއް ކަނޑައެޅުން ކަމަށާއި، އެކަން ސިއްރު ވޯޓަކަށް ގެންގޮސްފިނަމަ، ކެމްޕޭންގައި ދައްކަމުން ދިޔަ ވާހަކަ އާއި ދިމާ އިދިކޮޅަށް ކަންތައް ގެންދެވުނީ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅު ކުރައްވައި ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ކަމަށް އެމްޑީޕީން ހުށަހަޅާނެ ނަމަކާމެދު ގޮތް ނިންމަން ޖެހޭނީ ސިއްރު ވޯޓަކުން ކަމަށެވެ. ސަބަބަކީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރާއި ޑެޕިއުޓީ ލީޑަރު ކަނޑައަޅަނީ ވެސް ސިއްރު ވޯޓަކުން ކަމަށެވެ.
އިންތި ވިދާޅުވީ އެމްޑީޕީން މަޖިލިސްގެ ރައީސް އަކަށް ފޮނުވާނެ ނަމެއް ނެގުމުގައި ސިއްރު ވޯޓަކަށް ގޮސްފިނަމަ، ވޯޓް ގަނެ ވިއްކުމުގެ ކުޅިވަރު ފެށިގެން ހިގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އެހެންކަމުން އެފަދަ ކަމަކަށް ހިތްވަރުދިނުމަކީ އެމްޑީޕީގެ ސަގާފަތެއް ނޫން ކަމަށެވެ.
އިންތި ވިދާޅުވީ ދުނިޔޭގެ ތަހްޒީބް ޑިމޮކްރަސީތަކުގައި ވެސް މި ފަދަ ވޯޓްތައް ނަގަނީ ސިއްރުނުކޮށް ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ވަނީ އެމެރިކާއިން މި ކަމުގައި އަމަލު ކުރަމުން އަންނަ ގޮތް ނަންގަވާފައެވެ.
ގާނޫނުއަސާސީގައި ބުނެފައި ވަނީ އާންމު އިންތިހާބަށް ފަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވަން ޖެހޭނީ ސިއްރު ވޯޓަކުން ކަމަށެވެ.
އިންތި ވިދާޅުވީ ގާނޫނޫ އަސާސީގައި އޭރު އެ ގޮތަށް ލިޔެފައި އޮތީ ރާއްޖެ އޮތް ބިރުވެރި ހާލަތަށް ރިއާޔަތް ކޮށްފައި ކަމަށެވެ. އޭރުގެ ހާލަތަށް ބަލާއިރު، ބުނެވޭ ބަހަކުން، ލެވޭ ވޯޓަކުން ޖަލު ގޮޅި އަށް ދާންޖެހޭ ކަމަށް އިންތި ވިދާޅުވިއެވެ. ނަމަވެސް މިހާރު ރާއްޖެ އޮތީ އެފަދަ ހާލަތެއްގައި ނޫންކަން އިންތި ފާހަގަ ކުރެއްވިއެވެ. މިހާރު މި އޮތް އެމްޑީޕީ ސަރުކާރަކީ ބުނެވޭ ބަހަކުން، ލެވޭ ވޯޓަކުން މީހުން ޖަލަށްލާނެ ސަރުކާރެއް ނޫން ކަމަށް އިންތި ވިދާޅުވިއެވެ.
ދުނިޔޭގެ އެންމެ ތަހްޒީބް އެމެރިކާގައި ވެސް މަޖިލީހުގެ ރައީސްއަކަށް އައްޔަންކުރާ މީހެއްގެ ވޯޓް ނަގާއިރު ސިއްރުނުކުރާ ކަން އިންތި ފާހަގަކުރެއްވިއެވެ. އިންތި ވިދާޅުވީ އެމެރިކާގައި އެތާގެ "ޕާލަމެންޓް"ގެ ރައީސްއަކަށް މީހަކު އައްޔަންކުރަނީ "ރޯލް ކޯލް" ވޯޓަކުން ކަމަށެވެ. ރޯލް ކޯލް ވޯޓަކީ ޖަލްސާގައި ކޮޅަށް ތެދުވެ، އެ މީހަކު ތާއީދުކުރާ މީހެއްގެ ނަން ބުނުމެވެ.