ރިސޯޓެއްގައި ޕޫލަކަށް އެރި އުޅުނު ކުޑަކުއްޖަކު މަރުވި މައްސަލައި ދައުވާކޮށް ޝަރީއަތް ފެށިފަހުން ފިލައިގެން ދިޔަ ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފިއެވެ.
ކ. ހުވަފެންފުށި ރިސޯޓުގައި 23 އޮކްޓޯބަރު 2017 ގައި ކުޑަ ކުއްޖަކު ސްވިމިން ޕޫލަކަށް ވެއްޓި މަރުވި މައްސަލައިގައި އިހުމާލުވި ކަމަށް ބުނެ ދައުލަތުން ދައުވާ އުފުލާފައިވާ، ހުވަފެންފުށީގައި ކުޑަކުދިން ބަލެހެއްޓުމުގެ ވަޒީފާ އަދާކުރަމުން ދިޔަ ފްރާންސްގެ ޖީން މެނަން ރާއްޖެއިން ފިލައިގެން ދިއުމަށް ފަހު ފްރާންސްގެ "ލަ ޕެރީސިއަން" ނޫހަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓްގައި އޭނާގެ މައްސަލަ ބެއްލި ފަނޑިޔާރަކު އޭނާއާ ބައްދަލުކުރުމަށް މަސައްކަތްކޮށް، ނަމްބަރު ހޯދައި، އޭނާއަށް މެސެޖްކޮށް ރެސްޓޯރެންޓާއި، ހޮޓެލް ފަދަ ތަންތަނުގައި އެކަހެރިކޮށް ބައްދަލުވުމަށް އެދުނު ކަމަށެވެ.
އޭރު ކްރިމިނަލް ކޯޓްގައި އެ މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ އާދަމް އާރިފް ކުރެއްވި ކަމަށް ބުނާ މެސެޖްތަކެއްގެ ސްކްރީން ޝޮޓްތަކެއް ޖީން މެނަން ވަނީ އާންމުކޮށްފައެވެ.
މި ތުހްމަތުތަކާ ގުޅިގެން އާދަމް އާރިފް ރާއްޖެ އެމްވީއަށް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި "އެފަދަ އެއްވެސް މުއާމަލާތެއް [ޖީން މެނަން އާ] ކޮށްފައި ނުވާނެ" ކަމަށެވެ.
"ރާއްޖޭގެ ޝަރުއީ ނިޒާމުގައި މައްސަލަ ހިނގަމުން ދަނިކޮށް އޭނާ އެވަނީ ފިލައިގެން ގޮސް، އޭނާ އެ ތުހްމަތުކުރާ ފަދަ އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ،" އާދަމް އާރިފް ވިދާޅުވި އެވެ.
ހުވަފެންފުއްޓަށް ޗުއްޓީ ހޭދަކޮށްލުމަށް އާއިލާއެކު ޒިޔާރަތްކުރި އަޔަލެންޑްގެ ބިލިޔަނަރެއްގެ ކުޑަ ކުއްޖާ ޕޫލަށް ވެއްޓި މަރުވި ހާދިސާއާ ގުޅިގެން ދައުވާ ކުރި، މެނަން ރާއްޖެއިން ފިލީ އެމައްސަލަ ބަލަމުން ދަނިކޮށް، ބޭރުގެ ބޯޓެއްގެ ފަޅުވެރިއަކަށް ހެދިގެން އެ ބޯޓްގައެވެ.
ކުއްޖާ މަރުވީ އޭނާގެ އިހުމާލުން ނޫންކަމަށް މެނަން ފްރާންސްގެ ނޫހަށް ބުނެފައިވެއެވެ.