މާލެ ސިޓީ އިމަޖެންސީ ރެސްޕޮންސް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.
ބުރާސްފަތި ދުވަހު ޕްލޭނިން މިނިސްޓްރީގެ ސެމިނަރ ރޫމްގައި ފެށި މި މަސައްކަތު ބައްދަލުވުމަކީ ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެކެވެ.
މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރ ވިދާޅުވީ، މި އެކުލަވާލެވޭ ޕްލޭންގެ ސަބަބުން އެމަޖެންސީއެއް ދިމާވެއްޖެ ނަމަ ޚާއްސަ ނަމްބަރަކުން ގުޅާލުމާއި އެކު އެމަޖެންސީ ރެސްޕޮންސް ޓީމްތައް އެއްތަނަކަށް ވަޑައިގެން ވަގުތުން ރިއެކްޓް ކުރާނެގޮތްތައް އެކުލަވާލެވިގެން ދާނެ ކަމަށެވެ. މި ބައްދަލުވުން އިފްތިތާހުކޮށްދެއްވީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހިސާން ހަސަންއެވެ.
ޝިފާ ވިދާޅުވީ، ވޭތުވެ މިދިޔަ ކުރު މުއްދަތުގެ ތެރޭގައި މާލޭގެ އެކި ސަރަހައްދުތައް ވަރަށް ބޮޑަށް ސާފުކުރެވި، އަދި ކުރިއަށް އޮތީ ވިއްސާރަ މޫސުމް ކަމަށް ވުމާއިއެކު ފެންބޮޑުވުން ފަދަ ހާދިސާއެއް ދިމާވެދާނެ ކަމަށްޓަކައި، ދުރާލާ ކާނުތައް ސާފުކުރަން ފަށާފައިވާ ކަމަށެވެ. އަދި "ސްޓޯމް ވޯޓަރ ޕަންޕް" ސާފްކޮށް ތައްޔާރީ ހާލަތަށް ގެނައުމަށް ޕްލޭނިންގ މިނިސްޓްރީއާއި ވާހަކަ ދެކެވިފައިވާކަމަށެވެ.
ކުރިއަށް އޮތީ ވިއްސާރަ މޫސުމް ކަމަށް ވުމާއިއެކު، ފެތުރިދާނެ ބަލިމަޑުކަމަކަށްޓަކައި ހުރިހާ ފަރާތްތަކަކުން ވެސް އާއްމު ސާފުތާހިރު ކަމަށް ވިސްނުމަށް މޭޔަރ ޝިފާ އިލްތިމާސް ކުރެއްވިއެވެ.
ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއާއި، މާލެ ސިޓީ އަދި އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ ރެޑްކްރެސެންޓާއި، އެމްއެންޑީއެފްއާއި ފުލުހުން އަދި، ޓްރާންޕޭރެންސީ އާއި ރާއްޖޭގެ މަޝްހޫރު އެންޖީއޯ ތަކުން ބައިވެރިވެއެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރެވޭ ކަންކަމުގެ ތެރޭގައި ފެންބޮޑުވުން ފަދަ ކާރިސާތަކުގައި ކުރިމަތިވާ ގެއްލުން ކުޑަކުރުމަށް މުއައްސަސާތަކުން އަމަލުކުރާނެ އުސޫލްތައް ކަނޑައެޅުމާއި، ތައްޔާރީ މަރުހަލާގައި ދުރާލައި އެޅިދާނެ ފިޔަވަޅުތައް ކަނޑައެޅިގެންދާނެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މާލޭގައި ފެންބޮޑު ވެ ގިނަ ގެތަކަށް ފެންވަދެ ގިނަ ހިފާ ގެންގުޅޭ ސާމާނާއި އަގުބޮޑެތި މުދަލަށް ގެއްލުންވެ، ގެދޮރު ދޫކޮށް އެހެން ތަންތަނުން ރައްކާތެރިކަން ހޯދަން ވެސް ޖެހުނެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިފަދަ ކާރިސާތަކުގެ ގެއްލުން ބޮޑުވަނީ، އެކަށީގެންވާ ވަރަށް މިފަދަ ހާލަތުތަކުގައި އަމަލުކުރާނެ ގޮތާއި މެދު ތައްޔާރީ ހާލަތުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް ނެތުމުންނެވެ.