މާލޭ ރިންގު ރޯޑު، ކާނިވާ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
އެކްސިޑެންޓު ހިނގާފައި ވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އަދި ސައިކަލު ވަނީ ކާރުގެ ދަށަށް ގޮސްފައެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގެ ރިޕޯޓު ލިބުނީ ބުދަ ދުވަހުގެ ރޭ 10:28ގައި ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށެވެ.
މީހަކަށް އަނިޔާނުވި ނަމަވެސް ކާރަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު ސައިކަލު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
ރާއްޖޭގައި މިހާރަކަށް އައިސް އެކްސިޑެންޓްތައް ގިނަވެފައިވާއިރު އެކްސިޑެންޓްތައް މަދުކުރެވޭނީ އަމިއްލަ ފަރުދީ ޒިންމާ އަދާކޮށްގެންނެވެ. ސިނަމާލެ ބްރިޖްގައި ހިނގާ އެކްސިޑެންޓްތައް ގިނަވުމުގެ ސަބަބުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް އަޅައިގެން ދަތުރުކުރުމަށް މަޖުބޫރުކޮށްފައެވެ. އަދި ހެލްމެޓް ނާޅާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.