ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ފިލައިގެން އުޅޭތީ އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު ހަތަރު މީހެއްގެ ނަން ނެގީ ދިވެހި ދައުލަތުން އެދިގެން ކަމަށް ފުލުހުން ބުނެފިއެވެ.
ޓެރަރިޒަމާއި މަނީލޯންޑްރިންގެ މައްސަލަތަކަކާ ގުޅިގެން އިންޓަޕޯލުން 2015 ވަނަ އަހަރު ރެޑްނޯޓިސް ނެރުނު ތިން މީހުންނަކީ މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފާއި މ. ލޭންޑްއޮފްގާރޑްން، އަހުމަދު އިޝްފާހު އަލީ އާއި ގ. އިވާލި މުހައްމަދު ހުސައިން (އޮއިއްޓޭ)ގެ އިތުރުން އެޗްޑީސީގެ ކުރީގެ ޗެއާމަން މުހައްމަދު އަސީލެވެ.
ފުލުހުންގެ ސްޕޯކްސްޕާސަން އިޒްމިއާ ޒާހިރު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލާގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ މީހުންގެ ނަންތައް އިންޓަޕޯލުން ބާތިލުކޮށްފައި ވަނީ ދައުލަތުން އެގޮތަށް ނިންމައިގެން ކަމަށާއި އެ ފަރާތްތައް ހޯދަން ރެޑް ނޯޓިސް ނެރުނީ ތަހުގީގަށް ހާޒިރު ނުކުރެވިގެން ކަމަށެވެ.
ނަމަވެސް ފުލުހުންނަށް މިހާރު އެ މީހުންނަށް އެކްސެސް ވެވި ތަހުގީގަށް ބޭނުންވާ ބަޔާންތައް ނަގާފައިވާ ކަމަށާއި ރެޑް ނޯޓިސް ދަމަހައްޓަން ޖެހޭ ތަނެއް ނެތުމުން ރެޑް ނޯޓިސް ނެގީ ކަމަށް އިޒްމިއާ ވިދާޅުވިއެވެ.
ފިލައިގެން އުޅޭތީ، ހޯދުމަށް އިންޓަޕޯލުން އިއުލާން ކުރި މީހުންނަކީ މިހާރު އިނގިރޭސިވިލާތުގެ ހިމާޔަތުގައި ތިބި ބައެއް ކަމަށާއި ފުލުހުންނަށް އެ މީހުންނަށް "ފުރިހަމަ އެކްސެސް" ވެވޭ ކަމަށް އިޒްމިއާ ވިދާޅުވިއެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ މޮހޯ އާއި އޮއިއްޓޭގެ އިތުރުން އިޝްފާހު ދިރިއުޅެނީ އިނގިރޭސިވިލާތުގައެވެ. އަދި އަސީލު ދިރިއުޅެނީ އޮސްޓްރޭލިއާގައެވެ. އެ މީހުންގެ ތެރެއިން ބައެއް މީހުން އެ ގައުމުތަކުގައި ދިރިއުޅެނީ އާއިލާއާއެކުގައެވެ.
ނަމަވެސް ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ހޯދަން އިއުލާނު ކުރި ހއ. މުރައިދޫ، ވައިޖެހޭގެ، މުހައްމަދު ވިޝާމް ހޯދަން އިންޓަޕޯލުން ނެރުނު ރެޑްނޯޓިސް އަދިވެސް އުވައެއް ނުލައެވެ. އޭނާއާ އެކު އެކި ކުށްތަކުގައި އިންޓަޕޯލުން ރެޑްނޯޓިސް ނެރެފައިވާ ދިވެހިންގެ އަދަދު 11އަށް އަރައެވެ.
ރެޑް ނޯޓިސް އުވާލި މީހުންގެ ތެރޭގައި ހިމެނޭ މޮހޯއަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިފައިވާ އެސްއޯއެފް ކުންފުނީގެ ހިއްސާދާރެކެވެ. އެސްއޯއެފް އެކައުންޓް މެދުވެރިކޮށް، ހިޔާނާތުގެ ފައިސާ 155 މީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް އެންޓިކޮރަޕްޝަންް ކޮމިޝަނުން ވަނީ ބުނެފައެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތް 1.5 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.